ހުޅުމާލޭ ”ހިޔާ މަޝްރޫއު“ ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން، ޝަރުތު ހަމަވާ ބައެއް މީހުންނާ ނުގުޅޭތީ އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ނުބެލިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފި އެވެ.
ކޮމެޓީން ބުނީ ”ހިޔާ މަޝްރޫއު“ ގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ”ދިރިއުޅުމުގެ ހާލަތު“ ދެނެގަތުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުން ކަމަށެވެ. ނަމަވެސް ”ދިރިއުޅުމުގެ ހާލަތު“ ދެނެގަތުމަށް ”ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ“ ގެ ފަރާތުން ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދެވޭ ކަމަށާ ނަމަވެސް ބައެއް މީހުންނަށް ތަކުރާރުކޮށް ގުޅައިގެންވެސް ފޯނުން ބައްދަލުވެފައިނުވާ ކަމަށެވެ.
އެގޮތުން ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި H4 ، H5 ، H12 ، H13 އަދި H15 މިކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށްފައެވެ.
އެ ކޮމެޓީން ވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ލިސްޓްގައި ހިމެނޭ ފަރާތްތަކުން އެ ކޮމެޓީއަށް މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.
ހުޅުމާލޭ ދެވަނަ ފިިޔަވަހީގައި އަޅާފައިވާ 7000 ފްލެޓު ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކުގެ ފޯމްތައް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމި އިއުލާން ކުރަން ތައްޔާރުވެފައެވެ.
ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އަބުރުވެރި ދިރިއުޅުމަކަށް ބޭނުންވާ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުން ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ހުށަހެޅި ފޯމުތަކުގެ މައުލޫމާތުތަކަށް ބަލާއިރު، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، 20،000 އަށް ވުރެ ގިނަ އާއިލާ، ހަމައެކަނި މާލެ ސަރަހައްދުގައި ތިބި ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ހިޔާ މަޝްރޫއުގެ 17،189 ފޯމެއް މިހާތަނަށް ސްކްރީން ކޮށްފައިވާ ކަމަށާއި ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

