ރ. ވާދޫ ސްކޫލުގައި ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ.
މިއަދު އެ ސްކޫލްގައި ބޭއްވި މި އެސެމްބްލީއަކީ، ރ. ވާދޫ ސިއްޚީ މަރުކަޒާއި ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ އެސެމްބުލީއެކެވެ.
މި އެސެމްބުލީގައި ކެންސަރު ބައްޔާ ބެހޭ ގޮތުންނާއި، މިހާރު ދުނިޔޭގައި ފެތުރެމުންދާ ކްރޯނާ ވައިރަސް ބައްޔާއި ބެހޭގޮތުން ދަރިވަރުންނާއި މުދައްރިސުންނަށް މައުލޫމާތު ދީފައި ވެއެވެ.

އެ ބަލިތަކާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި މުދައްރިސުންނަށް ދެއްވީ، ވާދޫ ސިއްޚީ މަރުކަޒުގެ މެޑިކަލް އޮފިސާރ ޑރ. އަބްދުލް މޮނިމް އެވެ.
ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު، ގަވާއިދުން ކަސްރަތުކޮށް ކެންސަރު ބައްޔާ ހަނގުރާމަ ކުރުމަށް ރާއްޖޭގެ ކެންސަ ސޮސައިޓީން ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.
އެ ސޮސައިޓީން ބުނީ ދިރިއުޅުމުގެ އާދަކާދަ ރަނގަޅު ގޮތުގައި ބައްޓަން ކުރުމުން ކެންސަރު ބަލި ޖެހޭ މިންވަރު ތިން ގުނަ އަށް ކުޑަ ކުރެވޭ ކަމަށެވެ. އަދި ކަސްރަތު ކުރުމަކީ ވެސް، ކެންސަރު ބަލިން ރަނގަޅުވެފައިވާ މީހުން އެ ގޮތުގައި ދެމިތިބުމަށް ބާރުއަޅާ ކަމެއްކަން އެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.


