ރާއްޖޭގެ ދެކުނުގެ ރަށެއްގައި މަންމައަކު އޭނާގެ ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާކޮށް، ބަދުއަހުލާގީ އަމަލު ހިންގުމަށް މަސައްކަތްކުރާ މައްސަލައެއް ތަހުގީގު ފަށައި، ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފިއެވެ.
18 އަހަރު ނުވާ، ފިރިހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރާ މައްސަލައިގައި 38 އަހަރުގެ ކުއްޖާގެ މަންމަ އަދި ހައްޔަރެއް ނުކުރެއެވެ. މައްސަލައިގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށް ޖެންޑާރ މިނިސްޓްރީއިން ބުނެފައިވަނީ މަންމަ ދަރިފުޅަށް ޖިންސީ ގޯނާ ކުރާ ކަމުގެ މައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ކަމަށެވެ. އަދި ކުއްޖާއަށް މިހާރު ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނެފައިވަނީ، އެ އަންހެން މީހާގެ އިތުރު ދެ ކުދިންވެސް ތިބޭކަމަށާއި، އެ ދެ ކުދިންވެސް އޭނާގެ އަތުން ނަގާ ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެ ދެ ކުދިންނަށް އެއްވެސް ކަހަލަ އަނިޔާއެއް އެ އަންހެން މީހާ ކުރާކަމެއް ނުވަތަ ނޫންތޯ މިނިސްޓްރީއިން ހާމަކޮށްފައި ނުވެއެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ ފިރިހެން ދަރިފުޅަށް މަންމައެއްގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެގެން މިފަހުން މައްސަލައެއް ހުށައެޅި ފުރަތަމަ ފަހަރެވެ.
ތަހުގީގާއި ގުޅޭގޮތުން ފުލުހުންނާއި ސުވާލު ކުރުމުން، ބުނެފައިވަނީ މައްސަލައިގެ ތަހުގީގު ކުރިޔަށް ދާކަމަށާއި، ކުއްޖާއަށް ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާކަމަށެވެ.
މިދިޔަ މަހުގެ ތެރޭގައި ދެކުނުގެ ރަށެއްގައި ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި އާއްމުންގެ ނުރުހުން އިތުރުވަމުން އަންނައިރު މި މުއްދަތުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. މިފަދަ މައްސަލަތަކުގައި ކުއްޖާގެ އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންވެސް ހައްޔަރުކޮށްފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލައިގައި ދައުލަތުގެ މުވައްސަސާތައް ޒިންމާދާރުވެ، މި ފަދަކަންކަމުގައި ޝާމިލުވާ މީހުންނަށް ވީހާވެސް ހަރުކަށި އަދަބު ދިނުމަށް އާއްމުންދަނީ ގޮވާލަމުންނެވެ.

