ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި އެވެ.
އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހެނދުނު އޮންނާނެކަން ހައިކޯޓުން ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމަށް އަންގަވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ މަނީ ލޯންޑްރިންގެ މައްސަލަގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓްގައި ފަށާފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަންކޮށް ދިނުމަށް ވެސް ހައިކޯޓުގައި އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ހެނދުނު އޮންނާނެކަން ހައިކޯޓުން އެންގި ނަމަވެސް، ގާނޫނީ ޓީމުން ބުނީ ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވަނީ ކޮން ކަމެއް ކަމެއް އަދި ސާފުނުވާ ކަމަށެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލަން އެދޭ ސަބަބުތައް އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ވަކީލުން ވަނީ ވަރަށް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވަކީލް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ކަފާލާތަކީ ރާއްޖޭގެ ދުސްތޫރުގައި ބިންވަޅު ނަގާފައިވާ އެއްޗެއް ކަމަށެވެ.
އޭގެ ތެރޭގައި ކުށްވެރިވުމުގެ ކުރިން ކަފާލާތުގެ ހައްގާއި ކުށްވެރިވުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދުމުގެ ހައްގުގެ މަރުހަލާ ވެސް ހިމެނޭ ކަމަށެވެ. ކުށްވެރިވުމުގެ ކުރިން ކަފާލާތަށް އެދުމަކީ ގާނޫނު އަސާސީގައި ވެސް ވަރަށް ސާފުކޮށް ލިޔެފައިވާ ހައްގެކެވެ. އަދި އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ލިޔެފައިވެ އެވެ. ނަމަވެސް ކުށްވެރިވުމަށް ކަފާލާތަށް އެދިވެދާނެ ކަމަށް އެއްވެސް ގާނޫނަކު ލިޔެފައި ނެތެވެ.
އިސްތިއުނާފީ މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކުރުމަކީ ބޭރުގެ އެހެން ގައުމުތަކުން ވެސް އަމަލު ކުރާ ކަމެއް ކަމަށާއި އެއީ ގިނަ ބަހުސްތަކެއް ކުރެވި ގޮތްތަކެއް ނިމިފައިވާ ކަމެއް ކަމަށް ޖަމީލު ވިދާޅުވި އެވެ. އެގޮތުން އިންޑިއާ ސުޕްރީމް ކޯޓުގެ ދެ ހުކުމަކުން ކަފާލާތް ދީފައިވާކަން ޖަމީލު ފާހަގަ ކުރެއްވި އެވެ.
ޖަމީލު ވިދާޅުވީ ސީދާ ލިޔެފައި ނެތް ނަމަވެސް ގާނޫނު އަސާސީއަށް ބެލުމުން ކުށްވެރިންނަށް ވެސް ކަފާލާތުގެ ހައްގަކީ އޮތް ހައްގެއްކަން އެނގޭ ކަމަށެވެ. އެގޮތުން އަމިއްލަ މިނިވަން ކަމަކީ ގާނޫނު އަސާސީއިން ލިބިދޭ ހައްގަކަށްވާއިރު ގާނޫނު އަސާސީގައި ބަޔާން ކުރާ އަސާސީ ހައްގެއް ގާނޫނަކު ލިޔެފައި ނެތޭ ކިޔައި ހަނި ނުކުރެވޭނެ ކަމަށެވެ.

