އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ގުޅޭގޮތުން ކޮމިޝަނުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަކްރަމް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ވެސް ބާއްވާނީ އޭޕްރިލް 4 ގައެވެ. މިއީ ދެ އިންތިހާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ. އިންތިހާބު ރަސްމީކޮށް އިއުލާނުކޮށް އަކްރަމް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާނެ ކަމަށެވެ.
މި ފަހަރުގެ ކައުންސިލް އިންތިހާބުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 6،000 އެއްހާ ކެނޑިޑޭޓުން ވާދަކުރާނެކަމަށް އީސީން ވަނީ ލަފާކޮށްފައެވެ. އަދި މިއީ ރާއްޖޭގައި ބޭއްވޭ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަކުރާ އިންތިހާބަށް ވެސް ވާނެއެވެ.
އަކްރަމް ވިދާޅުވީ އިންތިހާބުގައި 2،69562 (ދެ ލައްކަ ފަސްދޮޅަސް ނުވަ ހާސް ފަސް ސަތޭކަ ފަސްދޮޅަސް ދޭއް) މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެ ލިސްޓު އާއްމުކޮށްފައިވާނެކަން އީސީން ވަނީ ފާހަގަކޮށްފައެވެ. އަދި ޝަކުވާ ހުށައަޅަން ހުޅުވާލި ފުރުސަތުގައި 373 ޝަކުވާއެއް ވަނީ ލިބިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި އީސީއަށް ހުށަހެޅި ޝަކުވާތަކަށް ހައްލު ގެނައުމަށްފަހު އަލުން ވޯޓާސް ލިސްޓް އާންމުކުރާނެ ކަމަށެވެ. އަދި ރީރަޖިސްޓްރީއަށް ފެބްރުއަރީ 13 ގައި ހުޅުވާލާނެ ކަމަށެވެ.
އަކްރަމް ވިދާޅުވި ގޮތުން އިންތިހާބުގައި، މިހާތަނަށް ބެލިބެލުމުން ޖުމްލަ 454 ވޯޓު ފޮށި ބަހައްޓަން ޖެހޭނެއެވެ. އެގޮތުން މާލެ ސިޓީގައި 173 ވޯޓްފޮށި، އަތޮޅުތެރޭގައި 322 ވޯޓްފޮށި އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކާއި، ރިސޯޓް އަދި ޖަލުތަކުގައި 42 ވޯޓް ފޮށި ބެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހުން ދިރިއުޅޭ ގައުމުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ، މިއީ އަންދާޒާ ކުރެވޭ އަދަދުތައް ނަމަވެސް، ވޯޓު ފޮށިތައް ބަހައްޓާނެ ސީދާ އަދަދުތައް ޔަގީންވާނީ ރީރެޖިސްޓްރޭޝަންގެ މަސައްކަތްތަކަށް ފަހުގަައި ކަމަށެވެ.
މީގެ ކުރިން ވޯޓު ފޮށިތައް ބަހައްޓާފައި ނުވާ ބައެއް ސަރަަހައްދުތަކުގައިވެސް، ކައުންސިލް އިންތިހާބަށް ވޯޓު ފޮށި ބެހެއްޓުމުގެ މަޝްވަރާތައް ކުރަމުންދާކަން އަކްރަމް ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ގަލޮޅު ދަނޑާއި، ހެންވޭރު ދަނޑުވެސް ހިމެނެއެވެ.
×

