ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް އިންޑިއާގެ ކެރަލާ ސްޓޭޓްގެ ތިން މީހަކު ޕޮޒިޓިވް ވެފައިވާތީ، އެ ސްޓޭޓަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ޗައިނާއިން އުފަންވެގެން ފެތުރެމުންދާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، އެކަހެރިކުރި ދިވެހިންގެ ގައިން ވައިރަސްގެ އަސަރު ފެނިފައި ނުވާތީއާއި، ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްކަމަށް ދައްކާފައިވާތީ ހެލްތް ޕްރޮޓެކްޝަންގެ މޮނީޓަރިންގެ ދަށުން އެ މީހުން ވަނީ ދޫކޮށްލާފައެވެ.
މިދިޔަ މަހުން ފެށިގެން ޗައިނާގެ ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ބަޔާނެއް ނެރެ، ރާއްޖެ އަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އޮތުމުން، ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ލަފާދީފައިވާ ގޮތުގެ މަތީން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުނެފައެވެ. ޗައިނާއިން ފެތުރުނު، ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސްކްރީން ކުރަންވެސް ވަނީ ފަށާފައެވެ.
ރާއްޖެ އިން، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ފަރުވާ ދިނީ އެންމެ މީހަކަށެވެ. ޗައިނާ އިން އައި އުމުރުން 20 އަހަރުގެ ޒުވާނާ އެ ވައިރަހަށް ޕޮޒިޓިވްއެއް ނޫނެވެ. އޭނާގެ އިތުރުން ޗައިނާއިން ރާއްޖެއައި އިތުރު ބައެއްވެސް މިނިސްޓްރީން އެކަހެރި ކުރިއެވެ.
މި ވައިރަސްގެ އިތުރު ކޭސްއެއް ކެރެލާއިން ފެނިފައިވަނީ، ޗައިނާއިން އެ ސިޓީއަށް އައި، ދެ މީހަކު އެކަހެރިކޮށް ފަރުވާދެމުން ދަނިކޮށެވެ. ޖުމްލަ ތިން މީހަކު، އެ ވައިރަސްއަށް ޕޮޒިޓިވްވެފައިވާކަން ކެރެލާއިން ވަނީ ޔަގީންކޮށްދީފައެވެ. އެއާއި އެކު، ސިޓީގައި ކުއްލި ހާލަތު ވަނީ ިއިއުލާނުކޮށްފައެވެ.
ކެރެލާއަކީ، ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ، އަދި ބޭސްފަރުވާގެ ކަންތަކަށްވެސް ދިވެހިން ގޮސް އުޅޭ ސްޓޭޓެކެވެ. ކެރެލާގެ ހާލަތާއި ގުޅޭގޮތުން ބަޔާނެއް ނެރެ، ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކެރަލާ ސިއްހީ ކުއްލި ހާލަތު ދެމިއޮތްހާ ހިނދަކު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ އެ ސްޓޭޓަށް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެެވެ. އަދި އިންޑިއާގައި ދިރިއުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ހުރިހާ ދިވެހިން ވެސް އެ މިނިސްޓްރީގައި ނުވަތަ އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގައި ރަޖިސްޓްރީވާން އެދޭ ކަމަށެވެ. އަދި އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން އެދޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކެރަލާއަށް ދަތުރު ނުކުރަން އިލްތިމާސް ކުރިއިރު، ދިވެހިން ދިރިއުޅޭ އެހެން ބައެއް ގައުމުތަކުން ވެސް ކޮރޯނާ ވައިރަސް ފެނިފައިވާތީ އެ ގައުމުތަކުގައި ތިބި ދިވެހިން ވެސް އެ ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވާން ފޮރިން މިނިސްޓްރީން ކުރިން އޮތީ އެދިފަ އެވެ.
ކޮރޯނާ ވައިރަސް މިހާތަނަށް 20،000 މީހެއްގެ ގައިން ފެނިފައި ވާއިރުު، މި ވައިރަސްގެ ސަބަބުން 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި ބަލީގައި ފަރުވާ ދީ، އެކީ ރަނގަޅުވީ މީހުންގެ އަދަދު ވެސް 400 އަށް އަރައެވެ.

