ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރަކީ މަސްވެރިކަމެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ މަސްވެރިކަމުގެ ސިނާއަތަށް އޭގެ ސީދާ އަސަރު ފޯރާ ކަމެކެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާ މި ދަނޑިވަޅުގައިވެސް، ދިވެހި މަސްވެރިންނަށް އެކަމުގެ ބުރަ ނުޖައްސާ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކަމާއެކު މަނޭޖުކުރަމުންދާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ބައެއް މީޑިއާތަކުން މަސްވެރިކަމުގެ ހާލަތާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ވާހަކަތަކަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މަސްވެރިންނަށް ތެޔޮ ނުލިބޭ ކަމަށާއި، މަސްވެރިކަން ހުއްޓިފައިވާ ކަމަށް ބުނެ ފަތުރާ ޚަބަރުތަކަކީ ސައްހަ މަޢުލޫމާތެއް ނޫނެވެ. މިފަދަ ދަތި އުނދަގޫ ހާލަތެއްގައިވެސް ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްވެރިންނަށް އެއްވެސް ދަތިކަމެއް ނެތި މަސްކަނޑުތަކަށް ނިކުމެވޭނެ މަގު ފަހިކޮށްދިނުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމަކީ ސަރުކާރަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މަސްވެރިންގެ އަތުން ތެލަށް ކުރާ ހޭދަ އިތުރުވިޔަ ނުދީ ހިފެހެއްޓުމަށް ހާއްސަ އިސްކަމެއް ދީފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި، ސަރުކާރުން މިކަން މަނޭޖުކުރާ ގޮތާމެދު މަސްވެރިން ތިބީ ވަރަށް ބޮޑަށް ޝުކުރުވެރިވެފައެވެ. މިއީ މަސްވެރިންގެ ޖީބަށް ބުރަ ނުވާނެހެން ސިނާއަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ނަތީޖާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖޭގެ މަސްވެރިކަން އަންނަނީ ރަނގަޅުވަމުންނެވެ. އެންވެރިކަން ރަނގަޅުވުމާއެކު މަސްވެރިން ބާނާ މަސް ކިރުވުމުގައި ހުރި ދަތިތައް ހައްލުކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމާއި، މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އަވަސްކުރުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ މާލީ އަދި އިދާރީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު މަސައްކަތެކެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި، މި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދަނީ އިންޑަސްޓްރީގެ ބައިވެރިންގެ މަޝްވަރާއާއެކުގައެވެ. މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް، މި ސިނާއަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން އޮތީ ސާބިތުކަމާއެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގެ އިގްތިސާދީ ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ދިވެހި މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ތެލުގެ އަގުގެ ބުރަ މަސްވެރިންނަށް ނުޖެއްސުމަކީ މި ސިނާއަތް ދިރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

