ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅިވަޑައިގެން މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
”ބޮޑު ބަދަލު“ ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.
މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ނަޝީދު ނުވަތަ ފައްޔާޒް ވެސް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ އެމްޑީޕީގެ ސިޔާސީ ކުރިމަގާއި ގުޅުންހުރި މުހިންމު ނިންމުންތަކެއް ނުވަތަ ކަންތައްތަކެއް އިއުލާން ކުރެއްވުމަށް ބާއްވާ ބައްދަލުވުމެކެވެ.
ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު، ދައުރު ހަމަވުމުން ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މިދިޔަ ހުކުރު ދުވަހު އެވެ. އޭގެ ކުރިން ދޭތެރެއަކުން ރާއްޖޭގައި ހުންނަވާ ދުވަސްތަކުގައި ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. ސިޔާސީ މަސައްކަތްތައް ދޫކޮށްލެއްވުމަށް ފަހު، އަމަލީ ގޮތުން އަނެއްކާވެސް ހަރަކާތްތަކުގައި އެމަނިކުފާނު ފެންނަން ފެށީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިންނެވެ. މި މަސައްކަތުގައި ރައީސް ނަޝީދު އުޅުއްވައި، ފައްޔާޒާއި އަރިސް މެމްބަރުން ވެސް ހިމެނޭ ގޮތަށެވެ.
ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރައްވައި، އެމަނިކުފާނު ބޭނުން ކުރާކަމަށް އެއްބަސްވެވަޑައިގެންފައިވާ ނުރަސްމީ އެކައުންޓުން ޕޯސްޓެއް ކުރެއްވުމަށް ފަހު ”ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން“ ތައްޔާރުވުމަށް ވިދާޅުވި އެވެ.
މީގެއިތުރުން ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީގެ އެތެރޭގައި އަނެއްކާވެސް ޖެހުނު މައްސަލަތަކަށް ފަހު، އެކަން ހައްލުކޮށް ރައީސް ނަޝީދަށް ވަނީ ޕާޓީގެ އެޑްވައިޒަރުކަން ދީފަ އެވެ. އެއާއި އެކު އެމަނިކުފާނު ގައުމީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހިމެނުމަށް ފާާސްކުރި އެވެ.
ރައީސް ނަޝީދު އަދި ފައްޔާޒަކީ ވެސް އެމްޑީޕީ ހިންގުމަށް ނަގާފައިވާ ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓިގެ މެމްބަރުންނެވެ.
2023 ވަނަ އަހަރުގެ އިންތިހާބާއި، އޭގެ ކުރިން އޮތް އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ޖެހުނު މައްސަލަތަކުގައި ރައީސް ނަޝީދާއި ފައްޔާޒް ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށްފައި ވެއެވެ. އަދި ގައުމީ މަޖިލިސް ބައްދަލުވުންތައް ވެސް ދެބޭފުޅުންގެ ޓީމުގެ ތެރެއިން ބަހުގެ ހަމަލާތައް ރައްދު ކުރުމުން ހޫނުވެ އެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕިއަށް އެނބުރި ވަޑައިގަތުމުން އެކަމަށް އެންމެ ފުރަތަމަ މަރުހަބާކީ ބޭފުޅުންގެ ތެރޭގައި ފައްޔާޒް ހިމެނެ އެވެ.
ފައްޔާޒް ވަނީ އޭރު ޖެހުނު މައްސަލަތަކަށް ހިތްހަމަނުޖެހި ތިބެގެން، ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.
ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުން ރައީސް ނަޝީދާއި، ފައްޔާޒް އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުން އެކަމަށް އެމްޑީޕީގެ ތެރޭގައި ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިއްބެވެ.

