ރައީސްކަމުގައި ހުންނަވައިގެން، މަނީ ލޯންޑާރ ކުރެއްވި ކަމުގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަފާލާތުގެ ދަށުން މިނިވަން ކުރެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި ޔާމީން ކަފާލާތުގެ ދަށުން މިނިވަން ނުކުރަން ހައިކޯޓުން ކަނޑައަޅައިފިއެވެ.
ކަފާލާތުގެ މިނިވަން ކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ނިންމި ނިންމުމުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ކުށްވެރިން ކަފާލާތުގެ ދަށުން މިނިވަން ކުރާނެ އުސޫލެއް ބަޔާން ކޮށްފައި ނުވާ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގއިތުރުން ރައީސް ޔާމީންގެ ސިއްޙީ ހާލަތުހުރި ގޮތުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދިފައި ވާތީ އެކަމާއި މެދު ފަނޑިޔާރުންގެ ބެންޗުން ވަނީ ގޮތެއް ނިންމާފައެވެ. އެގޮތުން ފަނޑިޔާރުންގެ ބެންޗުން ރައީސް ޔާމީން އެންގެވީ ކުށްވެރިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދެވޭނެ އުސޫލް ޕެރޯލްގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށާއި އެ އުސޫލްގެ ދަށުން އަމަލު ކުރުމަށް އެދޭ ކަމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.
މައްސަލަ ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ އިސްތިިއުނާފް މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމަން ދެން ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަން ކުރުމަށާއި ދަށު ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.
ކަފާލާތުގެ ދަށުން ރައީސް ޔާމީން މިވަންކޮށްދިނުމަށް އެދޭ ސަބަބުތައް ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާ ރައީސް ޔާމީންގެ ގާނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު ވިދާޅުވީ ރާއްޖޭގެ ދުސްތޫރުގެ ދަށުން ކަފާލާތުގެ ހައްގުތަކެއް އޮންނަ ކަމަށެވެ.
ޖަމީލު ވިދާޅުވީ އެ ހައްގުތަކުގެ ތެރޭގައި ހުކުމް އައުމުގެ ކުރިންނާއި، ހުކުމް އިއްވުމަށްފަހު އެ މީހާއަކީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައެޅުމަށްފަހު އިސްތިއުނާފީ މަރުހަލާގައި ކަފާލާތަށް އެދެވޭނެ ކަމަށެވެ.

