ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ޖެންޑާ މިނިސްޓަރުގެ މަގާމުގައި ޝިދާތާ ހުންނަން ނުފެންނަ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއަދުގެ ވަގުތެއްގައި އިސްތިއުފާ ދެއްވާނެކަން ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންނާ އެކު، މިއަދު ބޭއްވި ކުއްލިބައްދަލުވުމެއްގައިވިދާޅުވެފައިވެއެވެ.
ޝިދާތާގެ އިސްތިއުފާ ސިޓީ ލިބިވަޑައިގެންނެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުވަނީ ހާމާކުރައްވާފައެވެ. ރައީސް ވިދާޅުވީ މިނިސްޓަރުކަމުގައި ޝިދާތާ ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ޝިދާތާ އިސްތިއުފާ ދެއްވުމުން އެ މަޤާމަށް އެހެން ބޭފުޅަކު ރައީސް ސޯލިހުވަނީ އައްޔަން ކުރައްވަން ނިންމަވާފައެވެ. އެގޮތުން ނިއު ދިއްލީގައި ހުންވާ އެމްބެސެޑަރ އައިމިނަތު މުޙައްމަދު ދީދީ އެމަޤާމަށް އައްޔަން ކުރައްވަން ނިންމެވިކަން ރައީސް ސޯލިހު ވަނީ ހާމަކުރައްވާފައެވެ.
https://twitter.com/ibusolih/status/1225319042698756096
ޝިދާތާ އިސްތިއުފާ ދެއްވަން ނިންމެވީ އެކަމަކީ އެންމެ މަސްލަހަތު ގޮތް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ޖެންޑަރ މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވިއެވެ. ނަމަވެސް އިސްތިއުފާ ދެއްވަނީ މިނިސްޓްރީ ހިންގެވުމުގައި އިހުމާލެއް އޮތް ކަމަށް ގަބޫލު ކުރައްވާތީ އެއްނޫން ކަމަށް ޝިދާތާ ވިދާޅުވި ކަމަށް އެބޭފުޅާ ވިދާޅުވިއެވެ
އިސްތިއުފާ ދެއްވަވަން ނިންމެވިއިރު ޖެންޑާ މިނިސްޓަރުގެ މަގާމުގައި ޝިދާތާ ހުންނަން ނުފެންނަ ކަމަށް މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ނިންމާފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމަށް ވަޑައިގެން 45 މެމްބަރުންގެ އިއްތިފާގުން، ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިތުރަށް މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް ނިންމާފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުރީގެ ޑިސްއެބިލި އެމްބެސިޑަރު އަހުމަދު ހިޝާންއަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައިވެސް ގިނަ މެންބަރުންވަނީ ޝިދާތާގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.
މެމްބަރުން އެކަމަށް ގޮވާލެއްވީ، ޖެންޑާ މިނިސްޓްރީގެ އިހުމާލާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގަ އެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.

