މެދުއިރުމަތީގެ މަސްރަހުގައި ހުރި ގޮންޖެހުންތަކާއެކުވެސް، ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މދުއިރުމަތީގެ ހާލަތާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ކެބިނެޓުގެ ހާއްސަ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބަލައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އަހަރެއްގެ ގޮތުގައި ފާހަގަވެފައިވަނީ ނިމިދިޔަ 2025 ވަނަ އަހަރު ކަމަށެވެ.
މިނިސްޓަރު އަމީން ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް 189 ޖެޓް އައިސްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %125 ގެ ބޮޑު އިތުރުވުމެކެވެ. އަދި މި ހިނގާ އޭޕްރީލް މަހުގެ މިހާތަނަށް 93 ޖެޓް ރާއްޖެ އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ %45.3 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމުގެ މާކެޓްތަކާއި ތަފާސްހިސާބު
މި އަހަރުގެ އޭޕްރީލް 18 ގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 740,364 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %3.2 ގެ ކުޑަ ދަށްވުމެއް ނަމަވެސް، ފާއިތުވި ހަފްތާގައި އެކަނިވެސް 35,653 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ އޭގެ ކުރީ ހަފްތާއަށްވުރެ %2.2 ގެ ކުރިއެރުމެކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ މާކެޓްގެ ގޮތުގައި ޗައިނާ (%15) އޮތްއިރު، ދެވަނައިގައި ރަޝިޔާ (%12.8) އަދި ތިންވަނައިގައި އޮތީ އިނގިރޭސިވިލާތް (%9.5) އެވެ.
ވައިގެ ދަތުރުފަތުރުގެ ހާލަތު އާންމު ހާލަތަށް
މެދުއިރުމަތީގެ ހާލަތާ ގުޅިގެން މެދުކަނޑާލި ބައެއް އެއާލައިންތަކުގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ. އެގޮތުން އެމިރޭޓްސް އަދި އިއްތިހާދު އެއާވޭސްއިން ދުވާލަކު ދެ ފްލައިޓް އޮޕަރޭޓް ކުރަމުންދާއިރު، ގަތަރު އެއާވޭސް ވަނީ އޭޕްރީލް 9 އިން ފެށިގެން އާންމު ހާލަތަށް ބަދަލުވެފައެވެ. މީގެ އިތުރުން، ފްލައިނާސް އެއާލައިނުން މެއި 3 އިން ފެށިގެން ރިޔާދު އާއި މާލެއާ ދެމެދު ހަފްތާއަކު 3 ދަތުރު ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަޝިޔާ މާކެޓް ވަރުގަދަކުރުމަށްޓަކައި އެރޯފްލޮޓުން މިހާރު ވަނީ ހަފްތާއަކު 13 ފްލައިޓަށް ދަތުރުތައް އިތުރުކޮށްފައެވެ. ”ދުނިޔޭގެ މަސްރަހަށް އަންނަ ލޮޅުންތަކާއެކުވެސް ރާއްޖޭގެ ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތް އޮތީ ވަރުގަދަކޮށް،“ މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ދަތުރުފަތުރުގެ ގުޅުންތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ފަތުރުވެރިކަމުގެ އަމާޒުތަކަށް ވާސިލުވުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

