ހުޅުމާލޭގެ މަގުތަކަކީ ދަތުރުފަތުރު ކުރުމަށް ރައްކާތެރި އަދި އަމާން ތަންތަނަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒުގެ ދަށުން، ފިތުރޯނު މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަޝްރޫއަކީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ފޭސް 1 ގައި ހިމެނޭ ފިތުރޯނު މަގުގެ ގާތްގަނޑަކަށް 1.1 ކިލޯމީޓަރުގެ ސަރަހައްދެއް މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫއުގެ ދަށުން ކުރިއަށްދާނެ މުހިންމު މަސައްކަތްތައް
އިންރޮޓައިމް އިންޖިނިއަރިންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރޭގައި ފޭސް 1 ގައި މިހާތަނަށް ނުހެދި ހުރި ހުރިހާ މަގުތަކެއް ހެދުމާއި، ފޭސް 2 ގެ ވިނަރެސް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުތައް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން، މިހާރު ތާރު ހަލާކުވެ ބޭނުންކުރަން ދަތިވެފައިވާ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
މިއީ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން އަދި ހިތްފަސޭހަ ތަންތަނަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމެވެ. މި މަސައްކަތުގެ ދަށުން މާލޭގެ މަސް މާރުކޭޓް ސަރަހައްދާއި އެމްއެމްއޭ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު މިހާރު ވަނީ ޒަމާނީ ފެންވަރަށް ހަދައި ނިންމާފައެވެ.
މި މަޝްރޫއު ނިމުމުން، ހުޅުމާލޭގެ ޓްރެފިކް މައްސަލައަށް ބޮޑު ހައްލެއް ލިބި، ހާއްސަކޮށް ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

