އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ ކަނޑުގެ އުޅަނދެއް ކަމަށްވާ ”ގާޑިއަން ކްލާސް ޕެޓްރޯލް ބޯޓު“ އެމްއެންޑީއެފްއާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ބޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވެސްޓަން އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގްގައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން މި އުޅަނދާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަލީމެވެ. އުޅަނދު ހަވާލުކުރުމުގެ ލިޔުން ބަދަލުކުރުމަށްފަހު، މަނަވަރުގެ ކޮމާންޑިން އޮފިސަރާއި ކުރޫން ވަނީ މަނަވަރަށް އަރައި، ރާއްޖޭގެ ދިދަ ނަގައި ރަސްމީކޮށް މަނަވަރާ ހަވާލުވެފައެވެ. މިއީ އޮސްޓަލް ޝިޕްސް ޕްރައިވެޓް ލިމިޓެޑުން އުފައްދާފައިވާ ގާޑިއަން ކްލާހުގެ 24 ވަނަ އަދި އެންމެ ފަހު ޕެޓްރޯލް ބޯޓެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބޯޓު ހަދިޔާކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ ކަމެކެވެ. މި ބޯޓުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމާއި، ގަވާއިދާ ހިލާފު ހަރަކާތްތައް ހުއްޓުވުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
އޮސްޓްރޭލިއާގެ ކޮމާންޑަރު މެރިޓައިމް ބޯޑަރު ކޮމާންޑް ރިއާ އެޑްމިރަލް ބްރެޓް ސޮންޓަރު ވިދާޅުވީ، ”މިކަމުން ދެ ގައުމުގެ ދިފާއީ ގުޅުންތައް ހާމަވެގެންދާ“ ކަމަށާއި، އިންޑިއާ ކަނޑުގެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ރާއްޖެއާއެކު މަސައްކަތް ކުރުމަށް އޮސްޓްރޭލިއާ އިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަަންޑަންޓް ބްރިގޭޑިއާ ޖެނެރަލް ސަލީމް ވަނީ މި އެހީއަށްޓަކައި އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބޯޓު ރާއްޖެއަށް ހަދިޔާކުރާނެކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރިޗާޑް މާލްސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އޮސްޓްރޭލިއާގެ ހެންޑަސަން ޝިޕްޔާޑުގައި ބަނދެފައިވާ މި އައު މަނަވަރު، މާލެ ގެނައުމަށް ހަމަޖެހިފައިވަނީ މި އުޅަނދުގެ ކުރޫންނަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދާ ހާއްސަ ތަމްރީނުތަކާއި ސީ-ޓްރަޔަލްތައް ނިމުމުންނެވެ.

