ދިކޮޅު އެމްޑީޕީއާއެކު މަޝްވަރާތަކެއް ކުރެއްވުމުގެ އެއްވެސް ގަސްތެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިދިކޮޅު އެމްޑީޕީއާއެކު އެއް މޭޒެއްގެ ދޮށުގައި މަޝްވަރާ ކުރައްވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެފަދަ މަޝްވަރާއެއް ކުރުމަކީ ރައްޔިތުން އެމަނިކުފާނާ ހަވާލުކޮށްފައިވާ ފަސް އަހަރުގެ މެންޑޭޓާ ހިލާފު ކަމެއް ކަމަށެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން އެމަނިކުފާނާ ހަވާލުކުރީ ގައުމުގެ މަސައްކަތްތައް ހިންގުމުގެ ފުރިހަމަ ބާރާއި ޒިންމާއެވެ.
”އެއީ އެހެން ފަރާތްތަކާ މަޝްވަރާ ކުރާން ހަވާލުކުރި ކަމެއް ނޫން،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށް ވަޑައިގަންނަވާނީ ރައްޔިތުން ހަވާލުކުރެއްވި މަސްއޫލިއްޔަތުތަކާ އެއްގޮތަށް ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށްފަހު، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ވަނީ ސަރުކާރަށް 12 ކަމަކަށް ޑިމާންޑްކޮށް، ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެނައުމަށް ގޮވާލައި މާލޭގެ މަގުތަކުގައި ސިލްސިލާ އިހުތިޖާޖުތަކެއް ފަށާފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާ މި އެއްވުންތަކުގައި އެމްޑީޕީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ސަޕޯޓަރުންވެސް އަންނަނީ ބައިވެރިވަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަމުންދާ މި އެއްވުންތަކުގައި ދެ ޕާޓީގެ އެކްޓިވިސްޓުން ގުޅިގެން ސަރުކާރާ ދެކޮޅަށް ދަނީ އަޑުއުފުލަމުންނެވެ.

