މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި އިންވެސްޓުކުރާ ޗައިނީސް އޮންޓަރޕްރިނިއަރުންނަށް ވެސް ހަރަކާތްތެރިވެވޭނީ ވަކިޝަރުތުތަކެއްގެ ދަށުން ކަމަށް އޮކޮނޮމިކް މިނިސްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު (އެފްޑީއައި) އާއި ގުޅޭގޮތުން ސުވާލު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް އެވެ. އެގޮތުން އަމީން ލިއުމުން ކުރެއްވި ސުވާލުގައި ވަނީ އެފްޑީއައި ސިޔާސަތުގައި އެއީ ބިދޭސީންނަސް ބަންދު ކުރެވިފައިވާ ވިޔަފާރިއެއް ނަމަވެސް ޗައިނާ ދިވެހިރާއްޖެއަށް މިނިވަން ވިޔަފާރި އެއްބަސްވުން އެފްޓީއޭ ޗައިނާ ކުންފުނިތަކަށް އެއްވެސް ޝަރުތެއް ނެތި، ދިވެހި ކުންފުންޏެކޭ އެއްފަދައިން މި ވިޔަފާރި ކުރުމަށް ހުޅުވާލާފައިވާކަމަށެވެ. އެހެންކަމުން މި ހުޅުވާލުމަށް ސިނާއަތުގެ ސްކޭޓް ހޯލްޑަރުންނާއި ކުދި ވިޔަފާރިތަކާއި މަޝްވަރާ ކުރިންތޯއާއި، މި ހުޅުވާލުމުގެ ސަބަބާއި، އެފްޑީއައި ސިޔާސަތު ބަދަލުކޮށް ހުޅުވާލަނީތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ސައީދު ވިދާޅުވީ، 2015 ވަނަ އަހަރު މަޝްވަރާ ކުރެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2017 ވަނަ އަހަރު ކަމަށެވެ. ނަމަވެސް، އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓްރީން ފަހުން ޝާއިއުކުރި ފޮރިން އިންވެސްޓްމަންޓް ޕޮލިސީތަކާއި، މި އެއްބަސްވުމުގެ ދަށުން ޗައިނާއަށް ދީފައިވާ ކޮމިޓްމަންޓްތަކާ ދެމެދު ބައެއް ތަފާތުތައް ހުރިކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ސައީދު ފާހަގަކުރެއްވި ގޮތުގައި، ރެސްޓޯރެންޓް ވިޔަފާރިއަކީ އާންމު އުސޫލުން ދިވެހިންނަށް ހާއްސަކުރެވިފައިވާ ދާއިރާއެކެވެ. އެހެންނަމަވެސް، ބައިނަލްއަގުވާމީ ފްރެންޗައިޒްތަކަށް ފޮރިން އިންވެސްޓްމަންޓް ސިޔާސަތުގެ ދަށުން ކަނޑައެޅިފައިވާ ވަކި އުސޫލުތަކެއްގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު އޮވެއެވެ. މީގެ އިތުރުން، ބައެއް ރިސޯޓްތަކާއި އެއާޕޯޓް ހިންގާ ސަރަހައްދުތަކުގައިވެސް ފްރެންޗައިޒްތަކަށް ފުރުސަތު ލިބިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ހިދުމަތުގެ ދާއިރާ ނުވަތަ ސާވިސް ޓްރޭޑް އެއްބަސްވުމުގެ ދަށުން ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހަރަކާތްތެރިވެވޭނީ ވަކި ހާއްސަ ޝަރުތުތަކެއްގެ މަތިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ސަޢީދު ވިދާޅުވީ، ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖޭގެ އެކި ސިނާއަތްތަކުގެ ތަޖުރިބާކާރުންނާއި، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކުގެ އިތުރުން، ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިންނާއި ސްޓޭކްހޯލްޑަރުންގެ ބައިވެރިވުމާއެކު މަޝްވަރާކުރެވިގެން އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ.

