ހޯމް މިނިސްތަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިހާރުން މިހާރަށް މަގާމުން އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ގޮވައިލައިފިއެވެ.
ހޯމް މިނިސްޓަރ އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޯވާލާފައި މިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާފުށީގައި ނިވާކަން ކުޑަ ހެދުމެއް ލައިގެން ހުރި އަންހެން ފަތުރުވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކުރި މަސައްކަތުގައި ފުލުހުންގެ ފިރުހެން ދެ އޮފިސަރުން ހަރަކާތްތެރިވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާއި ގުލިގެންނެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮންމެ ހާލަތެއްގައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކޮށް، އެއްވެސް މީހަކާ މެދު ފިޔަވަޅު އެޅި ނަމަވެސް، އެމީހުންނަށް ގޯނާކޮށް ގެއްލުންދީ، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަމަލުތައް ހިންގުމަކީ، ފުލުހުންގެ އަހުލާގީ މިންގަނޑުން ބޭރުން ކުރެވޭ ކަމެއް ކަމަށެވެ.
ހަމައެހެންމެ ފުލުހުންގެ ކިބައިން މި އަހުލާގީ މިންގަނޑުގެ ބޭރުން އަމަލުކުރުމަށް މިނިސްޓަރު އިމްރާން ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތައް ތަންފީޒު ކުރަމުންދަނީ ސީޕީ ހަމީދު ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.
ބަޔާނުގައި ބުނެފައި ވަނީ ފުލުހުންގެ އަގު ވައްޓާލުމަށްޓަކާ ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ކުރަމުންދާ ހަޑި މުޑުދާރު އަމަލުތަކާއި، އަދި ފުލުހުންގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމަށް ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕޮލިސް ނުކުޅެދިފައިވާތީ، އެ ދެ ބޭފުޅުން ވެސް އެ ބޭފުޅުންގެ މަގާމުތަކުން ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ކަމަށެވެ.
މީގެއިތުރުން ފުލުހުންނަށް ކުރަމުންދާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާ ނުވެ އެމީހުންގެ އަހުލާގީ މިންގަނޑުގެ ތެރޭގަައި މަސައްކަތް ކުރުމަށް އިދިކޮޅުން ވަނީ ފުލުހުންނަށް ވެސް އިލްތިމާސްކޮށްފައެވެ.
މިހާދިސާއާ ގުޅޭ ގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އެމްސީ ހަމީދު ވިދާޅުވީ މާފުށީގައި ނިވާކަން ކުޑަ ގޮތެއްގައި ހުރި އަންހެނެއް ހައްޔަރު ކުރަން މަސައްކަތް ކުރީ ރަނގަޅަށް ނޫން ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިޔާއާއި އާއްމުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
ކ. މާފުށި މަގުމަތީގައި ފަތުރުވެރިއަކު ނިވާކަން ކުޑަ ހާލުގައި ހުއްޓާ ފުލުހުން ހައްޔަރު ކުރާ ވީޑިއޯ އެއް ވަނީ ސޯޝަލް މިޑިއާގައި ފެތުރިފަ އެވެ. މި މައްސަލަ އާ ގުޅިގެން ފުލުހުން ބުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ކޮށް ހުރި ފަތުރުވެރި އެއް އުޅެމުންދާ ކަމުގެ ޝަކުވާ ލިބިގެން ފުލުހުން ވަނީ އޭނާ ހުއްޓުވާފައި ކަމަށެވެ.
އޭނާ ހުއްޓުވަން މަސައްކަތް ކުރި ވަގުތު ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ބިޑި އަޅުވައިގެން ކަމަށާއި އަދި ރޭ 19:00 ހާއިރު ވަނީ ފުލުހުން އޭނާ ދޫކޮށްލާފައި ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، މާފުށީގައި މިވަގުތު މަސައްކަތް ކުރާ އަންހެން ފުލުހެއް ނެތުމުން އެއަށްވުރެ ރަނގަޅަށް އެ އަމަލު ކުރެވޭނެ ކަމަށް ފުލުހުން ދެކޭ ކަމަށެވެ. ފަތުރުވެރިޔާ ހައްޔަރު ކޮށްފައިވަނީ ދެ ފިރިހެން ފުލުހުންނެވެ.

