މީހަކު ގަސްތުގައި މަރާލި ކަމުގެ ދައުވާ ސާބިތުވެ، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.25 މިލިއަން ރުފިޔާ ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހުކުމް އައިސްފައިވަނީ 2021 ވަނަ އަހަރު މީދޫ ދޯންޏެއްގެ ތެރޭގައި ހިނގި މާރާމާރީއެއްގައި މީހަކު މަރާލި މައްސަލައިގައެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު މަސްއޫދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ 2021 ވަނަ އަހަރު އެ ގައުމަށް ނިސްބަތްވާ މުހައްމަދު ޝާހީންގެ އަރިކައްޓަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، މަސްއޫދު މި ދައުވާއަށް އިންކާރު ކުރި ނަމަވެސް، އޭނާ ކުށް ކުރިކަން ހެކިންގެ ހެކިބަހުންނާއި ގަރީނާތަކުން ސާބިތުވެއެވެ.
ހެކިންގެ ހެކިބަހުގައި ބުނެފައިވަނީ ހަމަލާދިނުމުގެ ކުރިން މަސްއޫދާއި ޝާހީނާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން ޝާހީން ހަޅޭއްލަވައިގަތް އަޑުއިވިގެން ބެލިއިރު އޭނާއަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އެ ވަގުތު މަސްއޫދުގެ އަތުގައި ވަޅި އޮތްއިރު، އެ ވަޅިން އޭނާގެ ޑީއެންއޭ ފެނިފައިވާ ކަމަށް ވެސް ކޯޓު ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
މަސްއޫދުގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ އެއީ މަރާލުމުގެ ނިޔަތުގައި ދިން ހަމަލާއެއް ނޫން ކަމަށާއި، އެއީ ވަޅިއެއް ގެންގުޅެނިކޮށް ޝާހީން އޭގެ މައްޗަށް ވެއްޓިގެން ލިބުނު އަނިޔާއެއް ކަމަށެވެ. ނަމަވެސް ޝަރީއަތުން ނިންމީ ޝާހީނަށް މަސްއޫދު ހަމަލާދިނީ މެރުމުގެ ގަސްދު އޮވެގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ޝާހީންގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށްވާތީ، ކޯޓުން ވަނީ 1.25 މިލިއަން ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް މަސްއޫދުގެ މައްޗަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، ދީނީ ގޮތުން ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް މަސްއޫދަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މަސްއޫދު އުމުރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް، އޭނާ މިހާތަނަށް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 19 އަހަރާއި 10 މަހުގެ ޖަލު ހުކުމެކެވެ.

