ރާއްޖޭގެ އޮންލައިން ނޫހަކުން ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް އެމަނިކުފާނު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ބުނެ ޝާއިއުކުރި ހަބަރަކީ ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ ހިލާފު ”އަންއެތިކަލް“ ހަބަރެއް ކަމަށް ރައީސް އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ އިސްތަރުޖަމާނު މިކަން ހާމަކުރެއްވީ، 20 އޭޕްރީލް 2026 ގައި ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިއުކުރި ”ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް އިއުތިރާފުވެވަޑައިގެންފި“ މި ސުރުޚީގެ ދަށުން ލިޔެފައިވާ ހަބަރާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.
މުންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެހެން މީޑިއާއަކުން ކުރި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބަށް ހަވާލާދީ ލިޔެފައިވާ އެ ހަބަރަކީ މުޅިން މާނަ އޮޅޭ ގޮތަށް ފަތުރާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ނޫސްވެރިކަމުގެ ހަމަތަކާ ހިލާފަށް ލިޔެފައިވާ ލިޔުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ޚަބަރުގައި އޮތް ސުރުޚީ ހިމެނޭގޮތަށް، ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެމަނިކުފާނު ދެއްވި ޖަވާބުގެ ދޭހަވީ މާނަ އޮޅުވާލައި، ދެއްކެވި ވާހަކަފުޅުގެ ރޫހާއި މަޤްޞަދާ މުޅިން ޚިލާފު މާނައެއް އުފަންކުރުވައިގެން ލިޔެފައިވާ ޚަބަރެކެވެ،“ މުންދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އިސްތަރުޖަމާނު އިތުރަށް ވިދާޅުވީ، އެ ހަބަރުގައި ހިމެނޭ ސުރުޚީ އާއި އެހެނިހެން ވާހަކަތަކަކީ ރައީސް ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލައި، އެމަނިކުފާނު ދެއްކެވި ވާހަކައާ މުޅިން ހިލާފަށް ގެނެސްދީފައިވާ މައުލޫމާތުތަކެއް ކަމަށެވެ.
ވަކި މަގްސަދެއް ހާސިލުކުރުމަށްޓަކައި ލިޔެވޭ މިފަދަ އަން-އެތިކަލް އަދި އަން-ޕްރޮފެޝަނަލް ލިޔުންތަކާ ގުޅިގެން ކަމުގެ ހަގީގަތް ސާފުކޮށްދީ، ރައްޔިތުންނަށް ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަން ވެސް މުންދު ވަނީ ދެއްވާފައެވެ.

