ޑޮލަރުގެ އަގު ތިރިނުކުރެވެނީ ކީއްވެތޯ އެހި ސުވާލަށް ސާފު ޖަވާބެއް ނުލިބޭ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާރު ވިދަޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގައި ޒިޔާދު ވަނީ ޑޮލަރާއި ގުޅިގެން މިނިސްޓަރ ސައީދަށް ސުވާލު ކުރައްވާފައެވެ. އެގޮތުން ސުވާލު ކުރައްވަމުން ޒިޔާދު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމި ޕީއެންސީގެ ވެރިކަން ފެށުމަށްފަހު، ވަޒީރުކަން ލިބުމަށް މަހު މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ދެ އަހަރުގެ ތެރޭގައު ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ސައީދު ވިދާޅުވެފައިވާ ކަމަށެވެ.
މެމްބަރު ވަނީ މިހާރުވެސް މަޖިލީހުގައި ތިއްބެވި 75 މެމްބަރުން މަދީތޯ ސުވާލު ކުރައްވާފައެވެ. މެމްބަރު ވަނީ މިހާތަނަށް އައިއިރު އެއްވެސް ވަރަކަށް ޑޮލަރުގެ އަގު ތިރި ނުވަނީ ނުވަތަ އަގު ހެޔޮ ކޮށް ޑޮލަރު ގަންނަން ނުލިބެނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް ލިބިގެން ދިޔުމަކީ ދިވެހިރާއްޖެއަށް ލިބިގެން ދިޔަ އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ އިރުޝާދުފުޅާއި އެކު މަޖިލީހުގެ މެމްބަރުންގެ ވެސް މަސައްކަތުގެ ނަތީޖާއަކީ ރާއްޖެ ބަނގުރޫޓު ނުވުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ވިޔަފާރިތަކަށް ބޭރު ފައިސާ ދޫކޮށްފައިވާ މިންވަރަކީ 106.2 މިލިއަން ޑޮލަރު ކަމަށެވެ. މިއީ އެވްރެޖުކޮށް މަހަކު 35.4 މިލިއަން ޑޮލަރު ކަމަށާއި، މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފޮރިން އެކްސްޗޭންޖް ސިޔާސަތަށް މީގެ ކުރިން އެއްވެސް ވެރިޔަކަށް ގެންނަން ކެރިވަޑައިނުގެންނެވި ފަދަ ބަދަލުތަކެއް މި ސަރުކާރުން ގެންނަވާފައިވާ ކަމަށެވެ.
އެހެންނަމަވެސް ބޭނުންވާ ޖަވާބު ލިބިވަޑައި ނުގަންނަވާ ކަމަށް ޒިޔާދު ވިދާޅުވިއެވެ.

