މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި އިންތިހާބުތަކުގައި ސަރުކާރުން ބޭނުންވި ނަތީޖާ ނުލިބުނީ އެކަށީގެންވާ ގޮތަށް ކެމްޕެއިން ނުކުރެވުމުން ކަމަށް ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތް ކުރައްވާ، ހަގީގަތް ގަބޫލުކުރައްވާ އިލްމީ ބޭފުޅެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ މި އިންތިހާބުގައި ނާކާމިޔާބުވީ ކަމަށް އެއްވެސް ހާލެއްގައި ގަބޫލުނުކުރައްވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ވަރަށް ކެމްޕޭން ނުކުރެވޭ ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅަށް ތާއިދުކުރައްވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މާޒީގައި ވެސް އެއްވެސް ޕާޓީއަކަށް ސަރުކާރުގައި އޮވެގެން ކައުންސިލް އިންތިހާބުތަކުގެ މެޖޯރިޓީ ލިބިފައި ނުވާ ކަމަށާއި، މިފަހަރުގެ ނަތީޖާ ނެރެވުނީ ސަރުކާރު ހިންގުމުގެ ބުރަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
ސަރުކާރުން ގައުމު ސަލާމަތް ކުރީ ބޮޑު އިގްތިޞާދީ އަނދަވަޅެއްގެ ތެރޭގައި ވަނިކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން 524 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކާ ނިންމާލުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ޕީއެންސީގެ ކެމްޕެއިންގައި ރައީސް މުއިއްޒަށް އެކަށީގެންވާ ވަގުތު ނުދެއްވުނީ ގައުމު ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުއްވަން ޖެހުމުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހަގީގަތުގައި މިހާރު ރާއްޖޭގައި އެމްޑީޕީއެއް ނުވަތަ އެހެން އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ. ”ހަގީގަތުގައި މި ދިމާވި ގޮތަކީ ލިބުނު ކުޑަކުޑަ ކާމިޔާބީއަކާއެކު އެބޭފުޅުންނަށް ސަރުކާރު ވެއްޓުނީހެން ހީވުން“ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރު އޮތީ ވަރަށް ބޮޑަށް އެއްބައިވަންތަކޮށް ކަމަށް ވެސް ވިދާޅުވިއެވެ.
ރިފަރެންޑަމްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީއަކީ ކަންކަމުގައި އޮޅުވާލާ ބައެއް ކަމަށާއި، ރައީސް ނަޝީދާއި ރައީސް ޞާލިހު ވެސް މީގެ ކުރިން އިންތިހާބުތައް އެއްކޮށްލުމަށް ތާއިދުކުރެއްވި ކަމަށެވެ. ނަމަވެސް މިފަހަރު އިންތިހާބީ ރޫހާ ހިލާފަށް ކުދި ރަށްރަށަށް ގޮސް، ސަރުކާރުން ދައުރު ދިގުދަންމާލަން އުޅޭ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ޝަރީފް ތުހުމަތު ކުރެއްވިއެވެ.

