މާލޭ ހައިކޯޓާއި ދެކުނު އަދި އުތުރު ގޮފީގައި އެއް ފަހަރާ ފުރަތަމަ ފަހަރަށް ޝަރީއަތްތައް ހިންގުމަށް ތައްޔާރުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ، ހައިކޯޓުގެ އުތުރު ގޮތްޕާއި އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ގާއިމް ކޮށްފައިވާ، ހައިކޯޓުގެ ދެކުނު ގޮފީގައި ފެށުމަށް ހަމަޖެހިފައިވާކަން ހައިކޯޓުން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ. މީގެ ކުރިން މި ގޮފިތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންމެ ގޮތްޕަކަށް ފަނޑިޔާރުންގެ ވަފުދެއް ވަކީން ގޮސްގެންނެވެ. އަދި އެ ފަނޑިޔާރުން ދާނީ ފަހަރަކު ގޮތްޕަކަށެވެ.
ދެކުނާއި، އުތުރު ގޮފީގައި އެއް ވަގުތެއްގައި ޝަރީއަތް ކުރިޔަށް ގެންދިއުމާއި ބެހޭ މައުލޫމާތު ހިއްސާކޮށް ހައިކޯޓުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ ގޮފީގެ ޝަރީއަތްތައް ވެސް އެއްކޮށް ހިންގާނެ ކަމަށެވެ. އަދި ކުރިޔަށް އޮތް ޝަރީއަތްތަކަށް ދެ ގޮތްޕަށް ވެސް ފަނޑިޔާރުން ގޮސްފައިވާކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.
ހައި ކޯޓުގެ ދެ ގޮފި ގާއިމުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ހަމަޖެއްސީ ކޮންމެ ގޮތްޕެއްގައި ތިން ފަނޑިޔާރުން ދާއިމީކޮށް ތިބޭ ގޮތަށެވެ. އެކަމަކު އެގޮތަށް ހެދުމުން އޭރު ނުވަ ފަނޑިޔާރުންގެ ބެންޗެއް އޮތް މާލޭގެ ހައި ކޯޓަށް ފަނޑިޔާރުން ދަތިކަން ކުރިމަތިވި އެވެ. އެހެންވެ، ފަނޑިޔާރުން ދާއިމީކޮށް ގޮފިތަކުގައި ނުތިބޭ ގޮތަށް ސުޕްރީމް ކޯޓުން ފަހުން ވަނީ ހަމަޖައްސައިފަ އެވެ.
އޭގެފަހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގައި މިހާރު 11 ފަނޑިޔާރުން ތިއްބަވަ އެވެ.

