ދިވެހިރާއްޖޭގައި މިހާތަނަސް ވެރިޖަން ކުރެއްވި ވެރިންގެ ތެރެއިން އެންމެ ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި އެއް ވެރިއަކީ ކުރީގެ ރައީސް އަބްދިﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާންގެ ސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިތާ އަށް ފުރި އެކަމުގެ ވާހަކަތައް މީސްމީޑިއާގައި ދެއްކުން އިތުރވެފައިވާ ދަނޑިވަޅެއްގައި ޑރ ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ވެރިކަމަކީ ބިޔަ ބޮޑު މަސްޢޫލިއްޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ ކަމަށެވެ.
އެގޮތުން އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާންގެ ވެރިކަމުގައި ބޭރުންނާއި އެތެރެއިން ގޮންޖެހުންތައް ކުރިމަތިވުމުގެ އިތުރުން މުއައްސަސާތައްވެސް. ދެއްކެވި ކަމަށާއި ނަމަވެސް އެ ހިހުރިހައި ގޮންޖެހުންތަކަކާ ކުރިމަތި ލައްވާ ރައީސް ޔާމީން ދެއްކެވި ސާބިތު ކަމަށް ސާބަސް ހއްގު ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
https://twitter.com/MJameelAhmed/status/1226007517794144256
ރައީސް ޔާމީންއަކީ އެންމެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެއް ވެރިއާ ކަމަށް ޑރ ޖަމީލް ވިދާޅުވިއިރު ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް މިއަދު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ކުރެއްވި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ ޑރ ޖަމީލްކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އުފެއްދެވި މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަންގެ ލީޑަރަކީ ވެސް ޑރ ޖަމީލްއެވެ. އަދި ޑރ ޖަމީލް ލީޑާޝިޕްގެ ދަށުން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަސް ރާއްޖެއިން ބޭރުގައި ކުރި ގިނަ މަސައްކަތުގައި ވެސް އިސް ދައުރަެއް ޑރ ޖަމީލް ވަނީ އަދާ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް އޭރުގެ އިދިކޮޅުގެ ފަރާތްތަކުން ބޭއްވި ޖަލްސާތަކުގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އަދި ރައްޔިތުން ރައީސް ޔާމީންއާ ހަވާލުކުރެއްވި އަމާނާތައް ރައީސް ޔާމީން ޙިޔާނާތްތެރިވެ ވަޑައިގެންނެވި ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޑރ ޖަމީލް ވިދާޅުވި ގޮތިގައި ރައީސް ޔާމީން ވެރިކަމަކީ ގާނޫނީ ހައިސީްޔަތު ގެއްލިފައިވާ ވެރިކަމެވެ. އަދި ރައީސް ޔާމީން އަކީ އަނިޔާވެރި ވަރަށް ހުދުމހުތާތު ވެރިއެއް ކަމަށް ވެސް އޭރު ޑރ ޖަމީލް ވިދާޅުވިއެވެ.
https://www.youtube.com/watch?v=36KTpM5Enk4&t=6s

