ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނަލް ނާޒިމާއި، އަބްދުﷲ ރިޔާޒަކީ ޤާސިމަށް އިޚުލާސްތެރި ބައެއް ނޫން: ރިޔާޒް ރަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާ މެންބަރު މުޙައްމަދު ނާޒިމަކީ އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އިޚުލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވި ބަޔެއް ނޫން ކަމަށް ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ މާޒީއަށް ބެލިކަމުގައިވިޔަސް ރިޔާޒާއި، ނާޒިމް ސިޔާސީ ގޮތުން ޤާސިމަށް ކޮށްދެއްވި އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށެވެ.

ދެހާސް އަށަކުން ފެށިގެން ރާއްޖޭގައި ހިނގަމުން އަންނަ ކަންތައްތަކުގެ އިތުރުން، ޤާސިމް ވެރިކަމަށް ގެންނަންވެސް އަދި އެނޫންވެސް ކަމެއްގައި އެ ދެބޭފުޅުން އެއްވެސް ކަމެއް ކުރައްވާފައި ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ 2013 ވަނަ އަހަރު ސިޔާސީ މަޝްރަހުގައި ތަފާތު އެތައްކަމެއް ހިނގައިގެން ދިޔައިރު، އެ ދެބޭފުޅުން ތިއްބެވީ ޕީޕީއެމްއާއެކުގައި ކަމަށެވެ. އެ ދެބޭފުޅުންވެސް ޤާސިމްގެ އަރިހުގައި މަސައްކަތް ކުރެއްވީ އަމިއްލަ ބޭނުންތަކެއް ޙާސިލުކުރައްވަން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

”އެބޭފުޅުން ބޭނުންވާ ކަންކަން ޙާސިލް ކުރުމަށް ވަޑައިގެން އެކަންކަން ހާސިލުވީމަ އަނެއްކާވެސް އެ ދަނީ، އެބޭފުޅުންނަކީ އެއްވެސް އިރެއްގައި ސިޔާސީ ގޮތުން ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުންނެއް ނޫން، ޤާސިމް ޖަލުގައި ހުންނެވި އިރުވެސް އެބޭފުޅުން ބޭނުންވީ ޤާސިމް ސަލާމަތް ކުރާކަށް ނޫން، އެހެނެއް ނޫން ޔާމީންގެ ވެރިކަން ނިންމަން އެ ދެބޭފުޅުންވެސް ބޭނުންވި“ ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ހުރިހާ ހިތްހަމަ ނުޖެހުމަކާއެކު ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަމަށް ނާޒިމާއި ރިޔާޒް ކުރެއްވި މަސައްކަތަކީ ޤާސިމަކަށް ކޮށްދެއްވި ޚިދުމަތެއް ނޫން ކަމަށެވެ. އެމަސައްކަތަކީ އެބޭފުޅުންނަށް ކުރިމަތި ދުއްތުރާތަކުން ސަލާމަތްވާ ކުރެއްވި މަސައްކަތެއް ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ކަންކަމުގައި އަބްދުﷲ ރިޔާޒާއި ނާޒިމް ބައިވެރި ނުވުމަކުންނެއް، އެޕާޓީއަށް ލިބޭނެ ނުވަތަ އަންނާނެ ގެއްލުމެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި އިޚްލާތެރިކަމެއް ހުރި ނަމަ މިހާރުވެސް ޕާޓީއާއެކު މަސައްކަތް ކުރައްވާނެ ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޤާސިމް ބޭނުންފުޅުވާ އެއްވެސް ގޮތަކަށް އަބްދުﷲ ރިޔާޒް މަސައްކަތް ކުރައްވާފައެއް ނުވެއެވެ.

”ފާއިތުވެދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޤާސިމް ބޭނުންފުޅުވި އެއްވެސް ގޮތަކަށް އަބްދުﷲ ރިޔާޒް ވޯޓު ދީފައެއް ނޯންނާނެ، ހަމަ ދެކޮޅަށް ވޯޓްދީފައި ހުންނާނެ، ވިޕްލައިނާވެސް ޚިލާފަށް ވޯޓްދީފައި ހުންނާނެ“ ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ރިޔާޒް ފާޑު ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީއެއް ހެއްދެވުމުގެ މަޝްވަރާތަކާ އެކު މަސައްކަތް ކުރެއްވި ކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް އެދެބޭފުޅުން އެކަން ދޮގު ކުރައްވައެވެ.

ސިޔާސީ ޕާޓީއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށާއި ޕާޓީއެއް ހަދާ ނަމަ، އެކަން ކުރާނީ ރައްޔިތުންގެ ގާތަށް ގޮސް ތާއީދާ އެކުގައި ކަމަށް އެދެބޭފުޅުންވެސް ވިދާޅުވެފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: