ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްޕި ގެއްލުނު ހާދިސާއަށް މަހެއް: ކަނޑު އަޑިން ފެނުނު ތުވާލީގައި ހުރީ ލޭގެ އަސަރެއް ނޫން!

ކައްޕި ހޯދުމަށް ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތުވާލި، ތުވާލީގައި ހުރީ އެއީ ދަވާދާ ގުލޫ - ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް ކަނޑުގެ އަޑިން ކައްޕި ގެއްލުމާއި މެދު ސުވާލު އުފެދިފައިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ކައްޕި ގެއްލުމާއި މެދު ސުވާލުތަކެއް އުފެދޭ ބައެއް ތަކެތި ކަނޑުގެ އަޑީން ހޯދީ މިދިޔަ ޖެނުއަރީ މަހުގެ 09 ވަނަ ދުވަހުއެވެ.

ޖެނުއަރީ މަަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި ”ޓީޓީއެސް ފާން“ ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އަދި ކައްޕި ގެއްލުނު ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މުދާ އުފުލާ އެ ދޯނު އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ވަޅިއަކާއި، ތުވާލިއެއް ފެނުނެވެ. 41 މީޓަރު އަޑިން ފެނުނު އެ ވަޅީގައި ވަނީ ދަބަރު ޖަހާފައެވެ. އަދި ތުވާލި ނަގާފައިވަނީ 48 މީޓަރުން އަޑީންނެވެ. އޭގެ އިތުރުން ބައެއް ކަރަނޑު ސާމާނުތަކެއް ވެސް ވަނީ ފެނިފައެވެ. އެހެން ނަމަވެސް، އޭގެ ތަފްސީލެއް ނުލިބެއެވެ. ތުވާލީގައި ރަތް ކުލައިގެ އެއްޗެއް ހުރުމުން އޭރު ބެލެވުނީ އެއީ ލޭ ކަމަށެވެ.

މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލުނު ހާދިސާއާއި ގުޅިގެން ދޯނި އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ސިފައިން ހޯދި ތުވާލީގައި ހުރީ ލޭ ނޫންކަން ފުލުހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. ކައްޕި ގެއްލުނު ހާދިސާ ހިނގިތާ މަސްދުވަސް ފަހުން މިއަދު ބުނެފައިވަނީ ތުވާލީގައި ވަނީ ދަވާދާ ގުލޫ ކަމަށް މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ކަމަށެވެ. ކަޅު ކުލައިގެ ޑަސްބިން ކޮތަޅެއްގެ ތެރެއިން އިލޮކްޓްރޯނިކް ބައެއް ސާމާނުތަކެއް ފެނުނުއިރު، އެ ތަކެއްޗާއި ކައްޕިއާއި ގުޅުމެއް ވޭތޯ ފުލުހުންގެ ތަހުގީގު އަދިވެސް ކުރިޔަށްދާކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވިއެވެ.

ކައްޕި ހޯދަން ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތަކެތި — ފޮޓޯ: އެމްއެންޑީއެފް

ހާދިސާގައި ދޯނި ފަރައް އަރާފައިވާ ސަބަބު އަދި ނޭނގެއެވެ. ފޮޓޯތަކުން ފެންނަގޮތުން މުދާ އުފުލާ އެ ދޯނި އުރިފައިވަނީ ފަޅުތެރޭގެ ތިލަ ހިސާބަކަށެވެ. ”ޓީޓީއެސް ފާނަ“ ނަމަކަށް ކިޔާ އެ ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ. ކައްޕި ގެއްލިގެން އެކަން ރިޕޯޓު ކުރީވެސް ދޯނީގައި ތިބި ދެ ބިދޭސީންނެވެ. އެހެން ނަމަވެސް، ދޯނި ފަރަށް އަރައިގެން އުޅޭކަމަށް ސިފައިންނަށް ނާންގައެވެ. ސިފައިންނަށް ދޯނު އުރިފައިވާކަން އެނގުނީވެސް އެ ސަރަހައްދަށް ދިއުމުންނެވެ.

މައްސަލައިގައި ފުރަތަމަ ސިފައިންނަށް ބެލެވުނީ، ކައްޕި ގެއްލިގެން އެކަމުގެ ތެރެއިން ދޯނި ފަރަށް އެެރީ ކަމަށެވެ. އޭރު ދެ ބިދޭސީން ވެސް ސިފައިންނަށް އެކަމާއި ގުޅޭ މާބޮޑު މައުލޫމާތެއް ދީފައިވެސް ނުވެއެވެ. ދޯނި ފަރަށް އަރާފައިވަނިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ދޯންޏާއި އެެހެން ލޯންޗެއް ކައިރި ކުރިއެވެ. އެހެން ނަމަވެސް، ދޯނީގައި ތިބި މީހުން އެންގީ އެހީތެރިކަމެއް ބޭނުމެއް ނުވާ ކަމަށާއި، ކޯސްޓްގާޑަށް ދޯނި ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

ކައްޕި ހޯދަން ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތަކެތ – ފޮޓޯ: އެމްއެންޑީއެފް

ލޯންޗު އެ ސަރަހައްދު ދޫކޮށް ދިއުމުގެ ކުރިން، ދޯނީގެ ފޮޓޯއެއް ވަނީ ނަގާފައެވެ. އަދި އެ ފޮޓޯގައި ވާގޮތުން އެ ވަގުތު ކައްޕި ވެސް ދޯނީގައި ހުއްޓެވެ. ފޮޓޯތައް އާއްމުވުމާއި އެކު ކައްޕި ގެއްލުމާއި ގުޅޭގޮތުން ސުވާލު އުފެދުނީއެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިއެވެ.

ދޯނި އުރުނު ސަރައްދުން ޝައްކު ކުރެވޭ ބައެއް ސާމާނު ފެނިފައިވާއިރު، އެމްއެންޑީއެފްއިން ބުނެފައިވަނީ އެކަމަށް މައުލޫމާތު ދެވޭނީ ފުލުހުންގެ ތަހުގީގަށްފަހުގައި ކަމަށެވެ.

ކައްޕި ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އެ ސަރަހައްދު، ކަނޑާއި ވައިގެ މަގުން ބަލާފައެވެ. މިހާތަނަށް ގެއްލިފައިވާ މީހާގެ އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށް ސިފައިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: