ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ (މަރީ) ޓޫރިޒަމް މިނިސްޓްރީން ބޭއްވި ”ބުރަބި“ ޖަލްސާއެއް ހުށަހަޅައިދެއްވާ ސަރުކާރަށް ތައުރީފް ކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަންނަ ދުވަހު ދުވަހު ހާޒިރު ކުރަން ނިންމައިފި އެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން އެއް އަހަރު ތެރޭގައި މި ސަރުކާރަށް ހާސިލް ކުރެވުނު ކަންކަން ފާހަގަ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފުލާއެއް މަރީ ހުށަހަޅުއްވައި ދެއްވައި ސަރުކާރަށް ތައުރީފުކޮށް ވާހަކަ ދެއްކެވިއިރު ކުރީ ސަރުކާރުގައި ބްރޯޑްކޮމްގެ މެންބަރުގެ ގޮތުގައި އޭރު ހުންނެވި ފާތިމަތު ޒައިނާ ސަރުކާރުން އޭރު ބޭއްވި ޖަލްސާއެއްގައި ގޮނޑި ޖަަހަން ހުއްޓާ ފެންނަ ވީޑިއޯތަކެއް އާންމުވުމުން އޭރު އިދިކޮޅުގައި ތިއްބަވައިގެން މިއަދުގެ ސަރުކާރު މެމްބަރުން ވަރަށް ބޮޑަށް ޒޭނާއަށް ފާޑުކިޔާފައި ވެއެވެ.
މަރީ އަކީ، ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު ޕްރެޒެންޓަރެކެވެ. ބޮޑެތި ހަފްލާތަކާއި ބޮޑެތި ޖަލްސާތައް މަރީ އަބަދުވެސް ހުށަހަޅައިދެއްވައެވެ. އެހެން ނަމަވެސް، މައްސަލަ ފެންމަތިވީ، ބްރޯޑްކޮޕްގެ ރައީސް ކަމާއި ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރުގެ ޖަލްސާއެއް މަރީ ހުށަހެޅުމުންނެވެ. އޭގެ ފަހުންވެސް މަރީ، ތަފާތު އެކި އެވޯޑު ހަފުލާތަކާއި، ރަސްމިއްޔާތުތައް ހުށަހެޅުއްވިއެވެ. އެހެން ނަމަވެސް އެއީ ސިޔާސީ އިވެންޓުތަކަކަށް ނުވާތީ އެކަމަށް އާއްމުން ފާޑުކިޔާފައި ނުވެއެވެ.
މީޑިއާ ދާއިރާގައި ނޫޅޭ، އަދި މީޑިއާގެ ތަޖުރިބާއެއް ނެތް ފަރާތެއް ބްރޯޑްކޮމްއަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން މީޑިއާތަކާއި ނޫސްވެރިންވެސް އެކަމަށް ނުރުހުން ފާޅުކުރިއެެވެ. މީޑިއާތަކުގެ ބެލެނިވެރި ފަރާތަކަށް ސިޔާސީ މީހުން ތިބެން ނުޖެހޭނެކަމަށް އޭރު އިދިކޮޅުގައި ތިއްބަވައިގެން ބުނެފައިވާއިރު، މިއަދުވެސް ހުރިހާ ކަމެއް ދަނީ އޭރުވެސް ކުރިޔަށް ދިޔަ އުސޫލުންކަމަށް ބައެއް ނޫސްވެރިން ބުނެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ބޭއްވި ހަފްލާގައި، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީ ތައުރީފް ކުރެއްވި އެވެ. އަދި އެކަމުގެ ކަންބޮޑުވުން މީޑިއާތަކުން ވެސް ގެނައެވެ. އެ ޖަލްސާއަށް ފަހު ބްރޯޑްކޮމްގެ މިނިވަންކަމާއި މެދު މިހާރުގެ އިދިކޮޅުން ސުވާލު އުފެއްދިއެވެ.
މަރީ ޖަލްސާ ހުށަހެޅި މައްސަލަ ބަލާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ. އޭރު ރޮޒެއިނާ ވަނީ އާ ދައުރަށް މަޖިލިސް ހުޅުވުން އެ މައްސަލަ ބަލަން ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. މައްސަލައަށް ދޮޅު މަސް ދުވަސްވެފައި ވަނިކޮށް މަރީ ހާޒިރު ކުރުމަށް ނިންމީ މި ހަފްތާގެ ބުދަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ކޮމިޓީއަށެވެ.
އެ މައްސަލަ މަޖިލީހުން ބަލާނެ ކަމަށް ރޮޒައިނާ ވިދާޅުވިއިރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަރީގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ. އަލީ ވަހީދު ވިދާޅުވެފައި ވަނީ، ސަރުކާރުން ބާއްވާ ހަފުލާތަކުގައި ބައިވެރިވުމަކީ ބްރޯޑްކޮމްގެ މެންބަރެއްގެ އުސޫލީ މިންގަނޑާ ހިލާފު ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ.
ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުން ހާޒިރު ކުރިއިރު، ޒައިނާއަށް އެ ސުވާލުތައް ވަނީ އެމްޑީޕީގެ މެންބަރުން އަމާޒު ކުރައްވައިފަ އެވެ. ހަމަ އެ މައްސަލާގައި ޒައިނާ ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން މަޖިލީހުން ވަކިކޮށްފަ އެވެ.

