ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް، ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބެންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަަދު ސައީދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ބޭންކުން ކުރިންވެސް ރަސްމީކޮށް ހާމަކޮށްފައިވާ ފަދައިން، 1 ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ނުނަގާނެ ކަމަށެވެ. މިގޮތުން ފީ ނަގާނީ ހަމައެކަނި ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ސައިޓްތަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުންނެވެ.
ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ އެތައް ސަތޭކަ މާރޗަންޓުންނަކަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަން ބޭންކުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޭންކުން ބުނި ގޮތުގައި މިއީ ވަކި ލިސްޓަކަށް ނުވަތަ ވަކި ބަޔަކަށް ދީފައިވާ ލުޔެއް ނުވަތަ ވަކި ބަޔަކަށް މަތީ ރޭޓެއް ދިނުމަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫނެވެ.
ބޭންކުގެ ’ޝެޑިއުލް އޮފް ޗަރޖަސް‘ ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 އިންސައްތައާ ހަމައަށް ބޭންކަށް ފީއެއް ނެގުމުގެ އިހުތިޔާރު އޮވެއެވެ. ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި، މިފަދަ ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ހުރިހާ ބޭންކުތަކުންވެސް އަމަލުކުރަމުންދާ ބައިނަލްއަގުވާމީ އުސޫލެކެވެ.
ދިވެހިރާއްޖޭގެ ހުރިހާ ފަންތިއަކާއި ގިންތިއެއްގެ އާންމު ފަރުދުންނާއި ވިޔަފާރިތައް ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި، ގައުމުގެ އިގްތިސާދީ އަދި މާލީ ރައްކާތެރިކަމަށް ނުރައްކާކުރުމުގެ މަގްސަދުގައި ފަތުރާ ވާހަކަތަކެއް ކަމަށް ބޭންކުން ދެކެއެވެ. އެހެންކަމުން، މިފަދަ ދޮގު މަޢުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް އިތުބާރު ކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

