މާލޭގެ މަގުމަތީގައި ބައެއް ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ވާހަކަދައްކައި، މުޖުތަމައުގެ ތެރޭގައި ނަފުރަތާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވަރަށް ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.
މިކަމާ ގުޅިގެން އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، ފަހަކަށް އައިސް ރޭގަނޑުގެ ވަގުތުތަކުގައި ބާއްވާ ބައެއް ސިޔާސީ އެއްވުންތަކުގައި، ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އާންމު އަދަބުތަކާ ހިލާފަށް ވާހަކަދައްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި ވާހަކަތައް މީޑިއާގެ އެކި ވަސީލަތްތަކުން ފެތުރި، އޭގެ ސަބަބުން އާންމުންގެ މެދުގައި ނަފުރަތު އުފެދި، ހަމަނުޖެހުންތަކަށް ހިތްވަރު ލިބޭ ފަދަ މާހައުލެއް އުފެދެމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ އިންޒާރު ދެއްވާފައެވެ.
އެޗްއާރުސީއެމްގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން، މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން ތިމާގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ފާޅުކުރުމުގެ ހައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްޤެއް ކަމަށެވެ. ނަމަވެސް، މި ހައްޤަކީ އެއްވެސް ހުދޫދެއް ނެތް ހައްޤެއް ނޫން ކަމަށާއި، މި ހައްޤުގެ ބޭނުން ހިފަންވާނީ އަނެކާގެ އިންސާނީ ކަރާމަތަށާއި ހައްޤުތަކަށް އިޙްތިރާމްކޮށް، މުޖުތަމައުގެ މަސްލަހަތު ނުގެއްލޭ ފަދަ ގޮތެއްގެ މަތިން ކަމަށް ކޮމިޝަނުން ވަނީ ހަނދާންކޮށްދީފައެވެ.
”ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއް،“ އެޗްއާރުސީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިފަދަ ނުރައްކާތެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ޒިންމާދާރުވުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ. އަދި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން، ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ބާރުއަޅާފައެވެ.
އެޗްއާރުސީއެމްގެ ބަޔާން ނިންމާލަމުން ވަނީ، ހުރިހާ ސިޔާސީ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު، އަނެކާގެ އަބުރާއި ނަފްސަށް ގެއްލުން ނުވާނެ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

