މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފަކީ ވަޒިރުކަން އަދާކުރެއްވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ރައްޔިތުންގެ ހާލު ބަލައި އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިން ކަނބަލެއް ކަމަށް، އަދާލަތު ޕާޓިން ބުނެފިއެވެ.
އަދާލަތު ޕާތީން މިހެން ބުނެފައި ވަނީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފު އިސްތިއުފާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނީ، އަންހެނުންނާއި ކުޑަކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުން ހުރި މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކަކީ ކާމިޔާބު މަސައްކަތްތަކެއް ކަމަށާއި އެ ކަމަނާގެ ވަޒީރު ކަމުގައި ކުރެއްވި ޚިދުމަތްތައް އެ ޕާޓީން ބަލައިގަންނަ ކަމަށެވެ. އިސްތިއުފާ ދެއްވި ދެއްވުމަކީ، އެކަމަނާގެ ހިތްވަރުގަދަ ކަމުގެ މިސާލެއް ކަމަށާއި އެއީ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް އެޅުއްވި ފިޔަވަޅެއް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދާލަތު ޕާޓީން، އެކަމާއި ގުޅިގެން ބަޔާނެއް ނެރެފައިވާއިރު، ޖެންޑާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިހާރު ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އިހުމާލެއް އޮވެގެން ނޫން ކަމަށާއި އެ މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި ޖެންޑާ މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ ކަމަށް ކުރީގެ މިނިސްޓަރު ޝިދާތާ ޝަރީފު ވަނީ ވިދާޅުވެފައެވެ.
https://twitter.com/AdhaalathOffice/status/1226342794274340865
ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން ފާސްކޮށްފައިވަނިކޮށެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ޝިދާތާ ވިދާޅުވީ މިދިޔަ 10 ވަރަކަށް އަހަރު ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާޔަށް ހަލަބޮލިވެ އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަ ދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށްއައިސް ކުރިން ހިނގަމުން އައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންގެވެސް ސަމާލުކަން ނުލިބިހުރި މައްސަލަތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
މި މައްސަލަތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މި ވަގުތު އެންމެ މަސްލަހަތު ހުރިގޮތަކީ މަގާމުން އިސްތިއުފާ ދިނުންކަމުގައި ކަމަށް ބަޔާނުގައި ވެ އެވެ.
ޝިދާތާ ވަނީ ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދިން ކަމުގައި ވިޔަސް ސިޔާސީ ދާއިރާގައި ދެމި ހުންނާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. އެކަން ވަނީ އަދާލަތުގެ ބަޔަނުގައި ވެސް ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.

