ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ނައިޖީރިއާގެ ދެ މީހަކާއި ބަންގްލަދޭޝްގެ މީހަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިއުލާނުކޮށްފިއެވެ.
އިމިގްރޭޝަނުން ހޯދަމުންދާ ނައިޖީރިއާގެ ދެ މީހުންނަކީ އުމުރުން 38 އަހަރުގެ ޗިއޯމާ ޕަރޕެޗުއަލް އެމެޖުލޫ އާއި، އުމުރުން 32 އަހަރުގެ ކެވިން އޮޑީރާ އަލީ އެވެ. މި ދެ މީހުންގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 39 އަހަރުގެ ބިލާލް ހޮސެން ވެސް ހޯދަމުންދާ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
އިމިގްރޭޝަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ނައިޖީރިއާގެ މި ދެ މީހުން ކުރިއަށް އޮތް ފަސް ދުވަސް ތެރޭގައި ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އާ ދެމެދު އެ އިދާރާއަށް ހާޒިރުވާންޖެހޭނެ ކަމަށެވެ. މި މީހުން ހާޒިރުވާންޖެހެނީ މަޖީދީ މަގުގައި ހުންނަ ސްޓާ ކްލައިޑް އިމާރާތުގެ 10 ވަނަ ފަންގިފިލާގައި ހުންނަ ރިސްކް އިންޓެލިޖެންސް ސެކްޝަނަށެވެ.
މި ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މޯލްޑިވްސް އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 9199017 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މި މީހުން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް ވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

