ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މަލާމާތުގެ ރާގަކަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތްއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާއި ރާއްޖޭގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަކުރައްވައި، ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނަމަ މުޅި ރާއްޖޭގައި މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ.
މި ޚަބަރާ ގުޅިގެން މެޑަމް ފަޒްނާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ ”ލޮލް“ ޖައްސަވައި، ނަޝީދުގެ ވާހަކަފުޅަށް މަލާމާތް ކުރައްވާފައެވެ.
ފަޒްނާ ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިވި ކަމުގައިވީ ނަމަވެސް، އެމްޑީޕީން ދިޔައީ މުޒާހަރާތަކާއި، މަސައްކަތު ބައްދަލުވުންތަކާއި އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މެދުވެރިކޮށް، ސިޔާސީ މައިދާނުގައި ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މީގެ އިތުރުން ފަޒްނާ ފާހަގަކުރެއްވި ގޮތުގައި، ދާދި ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން ގޮނޑިތައް ކާމިޔާބު ކުރުމަކީ، ޕާޓީގެ މެންބަރުން އަމަލީ މައިދާނުގައި ކުރި ހިތްވަރުގަދަ އަދި މެދުކެނޑުމެއްނެތް ބުރަ މަސައްކަތްތަކުގެ ނަތީޖާއެވެ.
ނަޝީދުގެ ގޮވާލެއްވުމަށް ރައީސް ޑރ. މުއިއްޒު ދެއްވި ރައްދުގައި ވިދާޅުވެފައިވަނީ، ”އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ ރައްޔިތުން އެމަނިކުފާނަށް ދީފައިވާ މެންޑޭޓާ ހިލާފު ކަމެއް“ ކަމަށެވެ. އެހެންކަމުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ އިންކާރު ކުރައްވާފައެވެ.

