ބުނެވޭ ގޮތުގައި ދިވެހިބަހަކީ ސާންސްކުރިތު ބަހުން އުފެދިފައިވާ ބަހެކެވެ. މިއީ ދިވެހި ބަސް އުފެދިގެން އައި ގޮތް ކަމަށް ގިނަ ބަހަވީ ޢިލްމުވެރިން ބުރަވެ ވަޑައިގަންނަވާ ގޮތެވެ. ދިވެހިބަހަކީ ދުވަސްވީ މުސްކުޅި ބަހެކެވެ. ޒަމާންތައް ފައިތުވަމުން އައިއިރު މި ބަހަށް ވެސް ކުރިއެރުންތައް ލިބިފައިވެއެވެ. ބަހުގެ މުއްސަނދިކަން މިވަނީ އިހުނަށްވުރެ އިތުރުވެފައެވެ. އެގޮތުން ބަހުގެ ތެރެއަށް އައު ލަފުޒުތައް އިތުރު ވެފައި ވެއެވެ. އިހުޒަމާނުގައި ބަހުގެ އެކި ދަރަޖަތަކުގައި ބަސްތައް ބޭނުން ކުރި ގޮތާއި މިހާރު ބޭނުން ކުރާ ގޮތާ ތަފާތުތަކެއް ވެއެވެ. މިސާލަކަށް، އެޒަމާނުގައި ބައެއް ލިޔުންތަކުގެ ސުރުޚީގައި ބޭނުން ކުރެވޭ ބަހެއް “ ރައްޔިތުން ހޭއެރުވުން“ މިބަސް މި ޒަމާނުގައި ބޭނުން ކުރަނީ “ ރައްޔިތުން ހޭލުންތެރި ކުރުން“ މިފަދަންނެވެ. މިފަދަ އެތައް މިސާލެއް ބުނެވިދާނެއެވެ.
ފެށުނީއްސުރެން ތަފާތު ބަހަވީ ޢިލްމުވެރިން، ދިވެހި ސަރުކާރު، ދިވެހިބަހުގެ ވިދާރާ އަދި ތަފާތު ފަރާތްތަކުން ކުރަމުން އަންނަ ތަފާތު ކަންތައްތަކުގެ އިތުރުންވެސް އަދިވެސް ބަސް ކުރިއެރުވުމުގެ ގޮތުން ކުރެވިދާނެ ހާސް ކަންތައް އޮންނާނެއެވެ. އެގޮތުން ވަކި ފަރުދުންގެ ޙައިސިއްޔަތުން ކޮންމެ ފަރުދަކަށްވެސް އެމީހަކު ދިވެހި ބަސް ބޭނުން ކުރާއިރު އެހެން ބަސްތަކާ މަސްހުނި ނުކޮށް ބޭނުން ކުރެވިދާނެއެވެ. އަދި ކޮންމެ މަޔަކަށް ވެސް އެމީހެއްގެ ދަރިއެއް ބަސްމޮށެމުން އަންނަ ދުވަސްވަރު ރީތި ދިވެހި ލަފުޒު މުޚާތަބު ކުރުމުގައި ބޭނުން ކުރެވިދާއެވެ. ކޮންމެ މުދައްރިއްސަކަށް ވެސް ދިވެހި ބަސް އުނގަންނައި ދިނުމުގައި ދަރިވަރުން ދެވެހި ބަހަށް ލޯބި ޖެހޭނެ ތަފާތު ޙަރަކާތްތައް ހިންގާ އެކުދިންނަށް ބަސް ދިރުވާ އާލާ ކުރުމުގެ މުހިންމުކަން ހާމަކޮށްދީ ފިލާވަޅުތައް ނަގައިދެވިދާނެއެވެ.
ދިވެހިބަހަކީ ވަކި ހަމައެއް އޮންނަން ޖެހޭ ބަހެއް ނޫންކަމަށާއި ކޮންމެ ގޮތަކަށް ބޭނުންކުރި ނަމަވެސް ބުނާ އެއްޗެއް އެނގުނީމައި ފުދޭނެ ކަމަށް 2010 ވަނަ އަހަރު ވަލިއްޔުލްއަމުރު ދިވެހި ޤައުމީ ޔުނިވަރސިޓީގައި ވިދާޅުވި ދުވަހުން ފެށިގެން ދިވެހިބަހުގެ ޤަވައިދުތަކާއި ހަމަތައް ހިފެހެއްޓުމަށް ސަމާލުކަން ދިނުން ކުޑަވެގެން އައިކަން ފާހަގަކުރަންޖެހެއެވެ. އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާކަން ހިތާމައާއިއެކު ފާހަގަކުރަންޖެހެއެވެ. ދިވެހި ބަހާއި ތާޜީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ދިވެހި ބަހުގެ ޤައުމީ ކްލަބެއް އުފައްދައި ދިވެހި ނާދީގެ ނަމުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މާލެ އާއި އަތޮޅުތަކުގައި ދިވެހި ނާދީގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމަސައްކަތްތަކުން ދިވެހި ބަސް ދިރުވައި ނަގަހައްޓަން ބޮޑެތި ފައިދާތަކެއް ކުރިކަން ޤަބޫލުކުރަންޖެހެއެވެ. ދިވެހިބަހުގެ ވިދާރާއިން މިފަދަ ނާދީއެއް ވީހައި އަވަހަކަށް އަލުން އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރެވެއެވެ. ދިވެހި ބަސް ދިރުވައި އާލާ ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާއިރު އެމަސައްކަތްތައް ވީހައި ބާރަށް ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ހުރިހައި ކަންކަން އަމަލީ ގޮތުން ކުރަން ވީހައި އަވަހަކަށް ފަށައިގަތުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ބަހެއް ކުރިއެރުވިދާނެ މައިގަނޑު އެއްތަނެއް ކަމަށްވާ އުނގަންނައިދޭ މަރުކަޒުތައް ނުވަތަ ސްކޫލްތަކުގައި މާދަރީ ބަހުން ހުރިހާ މާއްދާއެއްވެސް ކިޔަވައިދޭ ނަމަ ކުދިން މާދަރީބަހާ އިތުރަށް ގާތްވެގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އިހުޒަމާނުގައި، އަހަރުމެންގެ ކާބަފައިންގެ ދުވަސްވަރު މާދަރީ ބަހުން ލިޔަންކިޔަން ދަސްކޮށްދިނުމުން އެޒަމާނުގައި ބަހާއި ބަހުރުވައަށް ތަފާތު ބޮޑެތި ކުރިއެރުން އައިސްފައި ވެއެވެ. އެގޮތުން ހިސާބު މާއްދާގައި ތަކެތި މިނެ، މިންއަޅާ، ކިރާ ހެދުމަށް ބޭނުންކުރެވޭ ތަފާތު ދިވެހި ނަންތައް އުފެދި ބަހަށް ކުރިއެރުމާ ތަރައްޤީ ލިބުނެވެ. ނަމަވެސް، ޒަމާން ތަރައްޤީވެ ބަވަނަވުމުގެ ސަބަބުން ބިދޭސީން ރާއްޖެއަށް ޒިޔާރަތްކޮށް، ބިދޭސީ ބަހާއި ބިދޭސީ ސަގާފަތްތައް ތަޢާރަފް ވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ތަޢުލީމީ ދާއިރާގަވެސް ދިވެހި ބަހަށްވުރެ އިނގިރޭސިބަސް މުހިންމުވެ، ދިވެހި އިސްލާމް ފިޔަވައި ހުރިހާ މާއްދާތަކެއް އިނގިރޭސި ބަހުން ކިޔަވަދީ، ދިވެހި ބަހަށްވުރެ އިނގިރޭސިބަސް އާންމުންގެ ތެރޭގައިވެސް މަޤުބޫލްވެގެން ދިއުމެވެ.
ދިވެހި ބަހަކީ އަޅުގަނޑުމެންނަކީ ކޮން ޤައުމެއްގެ ކޮން ބައެއްކަން އަންގައިދޭ އެއް ނިޝާނެވެ. މިނިޝާން ރައްކައުތެރި ކުރުމަކީ އަހަރެމެން އެންމެންގެވެސް ޒިންމާއެކެވެ.
ބަވަނަ ވުމުގެ ސަބަބުން ދިވެހި ބަހަށް ތައުލީމީ ދާއިރާއިން ދޭ އަހައްމިއްޔަތުކަން ކުޑަވެ، ދިވެހީންގެ މެދުގައިވެސް ބަހުގެ ޝައުގުވެރިކަން ކުޑަވެ ބަސް ނެތިވެ ވަޅުޖެހެމުން ދާކަމުގެ ބިރުވަނީ ފެށިފައެވެ. އެހެންކަމުން ބަސް ދިރުވައި އާލާ ކުރުމަށް ދިވެހިބަހުގެ ވިދާރާއެއް (އެކަޑެމީއެއް) އުފެދި އައު ލަފުޒުތަކެއް އުފައްދާ، ދިވެހި ދަރީން ދިވެހިބަހަށް ލޯބި ޖެއްސުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. މިއާއިއެކު، މުޖުތަމަޢުގެ ކޮންމެ ފަރުދެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކޮށްފިނަމަ ދިވެހިބަހަށް އަދަށް ވުރެ ފެހި، އުޖާލާ އަދި ފާގަތި މާދަމައެއް ފެނުމަކީ ދުރުގަ އޮތް ކަމެއް ނޫނެވެ. ބުނަމެވެ. މިބަސް ގެއްލިދާނެ ގޮތެއް ވިޔަ ނުދެއްޗެވެ! މިއީ ކުރާ އާދޭހެކެވެ.

