ދައުލަތަށް ފައިދާ ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް ޢަމަލުކޮށްގެން މިހާރު ދަޢުވާކުރަންވާނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ދޫކޮށްލުމަކީ ގާނޫނީ ކުށެއް ކަމަށާއި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކުރެއްވި ޓުވިޓަކާއި ގުޅިގެންނެވެ.
ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލްގެ ބައެއް ދޭން ނިންމާފަ އެވެ. އަދި ދެ އަހަރު ދުވަހަށް 5،383 (ފަސް ހާސް ތިންސަތޭކަ އައްޑިހަ ތިނެއް) އަކަ މީޓަރުގެ ސަރަހައްދެއް ދޭން ނިންމާފައި ވަނީ އަކަ މީޓަރެއް 10.35 ޑޮލަރަށެވެ. އަދި ދެ އަހަރު ފަހުން މާކެޓު ރޭޓުގައި އެ ސަރަހައްދު ޓީއެމްއޭއިން ހިފަން ޖެހޭ ގޮތަށް ވެސް ވަނީ ނިންމާފަ އެވެ.
އެކަމާ ގުޅޭގޮތުން އުޝާމް ވިދާޅުވީ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭ ގޮތަށް އަމަލު ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.
އުޝާމް ވަނީ އޭނާގެ ޓުވިޓާއެކު ކޮރޮޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގެ ފައިދާ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭ ގޮތަށް އަމަލު ކުރުމަކީ ކުށެއް ކަމަށް ބަޔާން ކުރާ މާއްދާ ހިއްސާ ކުރައްވާފައެވެ. އެއީ ކޮރޮޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ13 ވަނަ މާއްދާގެ (ހ) އެވެ.
އުޝާމް ހިއްސާ ކުރެއްވި އެ މާއްދާގައި ބުނެފައި ވަނީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާއެއް ލިބެންއޮތް އެއްވެސް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަކަށް، ނުވަތަ ލިބެންއޮތް ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަކަށް، ނުވަތަ އެކަމެއްގެ ފައިދާ ނުވަތަ ފައިދާއިން ބައެއް، އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭގޮތަށް ކުރުމަކީ، ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ، ގިނަވެގެން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން، ނުވަތަ އަރުވާލުން، ނުވަތަ ގޭގައި ބަންދުކުރުންކަމަށް ބުނެފައިވެއެވެ.
އުޝާމްގެ އެ ވާހަތަކަށް ރައްދު ދެއްވައި ހައިލަމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދައުލަތަށް ފައިދާ ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްގެން މިހާރު ދަޢުވާކުރަންވާނީ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އަދި އެއީ ރިޝްވަތު ނުވަތަ ކޮރޮޕްޝަންގެ އަމަލަކަށް ވެސް ނުވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ. އަދި އޭގެ ސަބަބެއް ކަމަށް ހައިލަމް ވިދާޅުވީ ކޮރޮޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ނުވަތަ ކަނޑައަޅާފައިވާ ހުރިހައި ކުށެއް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ކުށްތަކެއް އެހެން ގާނޫނެއްގައި ބަޔާންކޮށްފައި ވީނަމަވެސް އިސްކަން ދޭން ޖެހޭނީ ގާނޫނުލް އުގޫބާތަށް ކަމަށް ބަޔާންކޮށްފައިވާކަން ހައިލަމް ވިދާޅުވިއެވެ.
ހައިލަމް ވިދާޅުވި ގޮތުގައި ދައުލަތަށް ފައިދާ ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް ޢަމަލުކުރާ މީހާ އެކުރާ އަމަލަކީ ނުވަތަ ކުށަކީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގާ އެކަށީގެންނުވާ އަމަލެވެ. އެގޮތުން ހައިލަމް ހަވާލާ ދެއްވި ގާނޫނުލް އުގޫބާތުގެ 512 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފަކަށްހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ ގާނޫނުގައިވާ ގޮތުގެމަތިން އަދާކުރަން ޖެހޭ ވާޖިބެއް އަދާނުކޮށް ދޫކޮށްލުން ނުވަތަ ގާނޫނުގައި ހުއްދަކޮށްފައިނުވާ ކަމެއް ކުރުން އެއީ ކުށެއް ކަމަށެވެ. އަދި އެ ކުށަކީ ޖުނުހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެފަދަ ކުށެއް ކޮށްފި މީހެއްހެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.
އެހެން ކަމުން ހައިލަމް ވިދާޅުވާ ގޮތުންނަމަ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ބޮޑު ފައިދާއެއް ލިބޭގޮތަށް ދޫކޮށްލުމަކީ ގާނޫނީ ކުށެއް ކަމަށްވާއިރު އެއީ ރަސްމީ ވާޖިބު އަދާކުރުމުގައި ހިންގި އެކަށީގެންނުވާ އަމަލެކެވެ. އަދި އެ އަމަލު ހިންގި މީހަކަށް ނުވަތަ ބަޔަކަށް ދޭން ޖެހޭނެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށް ހައިލަމް ވިދާޅުވެއެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް ފަހު ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތަރައްގީ ކުރަމުން ގެންދާ ސީޕްލޭން ޓާމިނަލްއަކީ ސަރުކާރުން ގެރެންޓީ ދީގެން ތަރައްގީ ކުރާ ތަނެއް ކަމަށެވެ. އަދި މި މަޝްރޫއަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖު ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށާއި ސީޕްލޭން އޮޕަރޭޓް ކުރާ ކުންފުނިތަކަކީ ޓޫރިޒަމް ދެމެހެއްޓުމުގައި މުހިންމު ބައެއް ކަމަށްވާއިރު، ސީޕްލޭން އޮޕަރޭޓަރުންނަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ހުރިހާ ކުންފުނިތަކަށް ބޭނުން ކުރެވޭ ގޮތަށް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަލަށް ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ޓީއެމްއޭއަށް ދޭން އުޅޭ ކަމަށް ކުރިން އޮތީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން ސަރުކާރުންނާއި އެމްއޭސީއެލް އިންވެސް ވަނީ ޓީއެމްއޭއަށް ޓާމިނަލް ދޭން ނޫޅޭ ކަމަށް ބުނެފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލްގެ ހާއްސަ އޮޑިޓެއް، އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ކޮށްފަ އެވެ.
އެ ރިޕޯޓްގައި ބުނި ގޮތުގައި ޓީއެމްއޭ އިން މިހާރު ހިންގާ ލައުންޖް ތަކަށް އާ ޓާމިނަލުން 5،382 އަކަމީޓަރުގެ ޖާގަ ދެވިދާނެ އެވެ. މި އަދަދަށް ޖާގަ ދީފިނަމަ ދައުލަތަށް 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ނަމަވެސް ކުރިން އޮތް ގޮތަށް ޓާމިނަލް އެއްކޮށް ދީފިނަމަ ލިބޭނީ 41 މިލިއަން ޑޮލަރެވެ.

