ސަރުކާރުން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދު މަލާމާތް ކުރެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ރައްދު ދެއްވައިފިއެވެ.
ކައުންސިލް އިންތިހާބަށް ފަހު އެމްޑީޕީ ކުރިޔަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި، ރައީސް ނަޝީދު ވަނީ ރޭ ބައިވެރިވެވަޑައިގެންފަ އެވެ. އަދި މި އެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން މަޝްވަރާގެ މޭޒަށް އަންނަން ޖެހޭކަމަށާއި، އެ ނޫން ގޮތަކަށް މުޒާހަރާތައް ހުއްޓާ ނުލާނެކަމަށެވެ.
މި ހަރަކާތްތައް އެމްޑީޕީން ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަފުޅު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއްކަމަށްވާ ”އިންސްޓަގްރާމް“ ގައި ފަޒްނާ ވަނީ އެކަމަށް ޖޯކު ޖައްސަވައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓުގައި ”ލޮލް“ ޖައްސަވައި، އެމަނިކުފާނަށް ފަޒްނާ ފާޑުވިދާޅުވި އެވެ. ފަޒްނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އިންތިހާބުތަކުން ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް، އެމްޑީޕީން ދިޔައީ ސާބިތުކަމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެކަމާއި ގުޅޭ ”ސަންގު“ ގެ ހަބަރު ”އެކްސް“ ގައި ހިއްސާކޮށް އިންތި ވިދާޅުވީ، ރައީސް ނަޝީދު މީގެކުރިން މަޝްވަރާއަށް މޭޒުދޮށަށް ގޮވާލެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރަށް ކަމަށެވެ. އަދި އެ ފަހަރުގެ އެ ގޮވާލެއްވުން ނިމިގެންދިޔައީ ”ލޮލް“ އަކުން ނޫންކަމަށާއި، އެއީ ގައުމަށް އައި ވަރުގަދަ އިންގިލާބީ ބަދަލެއްގެ ފެށުންކަމަށް އިންތި ވިދާޅުވި އެވެ.
އިންތި އިތުރަށް ވިދާޅުވީ، އެ ދުވަހުގެ އެ ގޮވާލެއްވުމާއި އެއިން އުފެދުނު އިސްލާހީ މަސައްކަތުން ގައުމު ބަދަލުވިގޮތާމެދު ފުންކޮށް ވިސްނާލަންޖެހޭ ކަމަށެވެ. އެއީ ރާއްޖެއަށް ޑިމޮކްރަސީއާއި އިސްލާހީ ބަދަލުތައް ގެނައުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުކަން އޭނާ ވިދާޅުވި އެވެ.
މަޝްވަރާއަށް ރައީސް ނަޝީދު ދެއްވި ދައުވަތަށް އިންކާރު ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުމަކީ ރައްޔިތުން އެމަނިކުފާނަށް ދީފައިވާ މެންޑޭޓާ ހިލާފުކަމެއް ކަމަށެވެ.

