އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން ހާއްސަ ހަރަކާތްތަކާއި އެކު ޑޯޓުޑޯ ކުރިޔަށް ގެންދަވައިފި އެވެ.
ޖޫން މަހު ބާއްވާނެކަމަށް އިއުލާނުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރުމަށް ރައީސް ނަޝީދު ވަނީ ނިންމަވާފަ އެވެ. އަދި އެމަނިކުފާނު ވަނީ 2028 ގެ އިންތިހާބުގެ އެމްޑީޕީގެ ކެންޑިޑޭޓަކަށް ފައްޔާޒް އެންޑޯސް ކުރައްވާފަ އެވެ.
ދެ ބޭފުޅުން އެކުގައި ކުރިޔަށް ގެންދަވާ މި ދަތުރުފުޅުގެ ތެރެއިން، ރައްޔިތުންނާއި ބައްދަލުކޮށް ”ބޮޑު ބަދަލު“ ގެ މައުލޫމާތާއި ތަފްސީލު ދަނީ ހިއްސާ ކުރަމުންނެވެ.
”ބޮޑު ބަދަލު“ އަކީ ނިޒާމީ ބަދަލުތަކާއި ރައްޔިތުންގެ ޝާމިލުވުން އިތުރުވާނެ ގޮތެއްގެ މަތީން ރައީސް ނަޝީދާއި، ފައްޔާޒް ހުށަހަޅާ ހުށަހެޅުމެވެ.
އެގޮތުން ހުށަހެޅުއްވި އެންމެ މުހިންމު ބަދަލަކީ ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރު ހިންގާ ވެރިޔަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރު ހިންގާ ވެރިޔަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ، އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ މީހަކަށް ވާންޖެހެއެވެ.
ދައުލަތުގެ އެންމެ މަތީވެރިޔަކީ ”ރައީސް“ ކަމުގައި ކަނޑައަޅައި، އެ މަގާމަށް ބޭފުޅަކު އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ މެންބަރުން ފަދަ އިންތިޚާބީ މަގާމުތަކުގައި ތިބި ބޭފުޅުންގެ އަގުލަބިއްޔަތުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

