އެމްޑަބްލިޔުއެސްސީގެެ ކަސްޓަމަރުންނަށް ފެން ބިލްތައްކަށް ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މަޢާފުކޮށްދެއްވުމަށް އަނެއްކާވެސް ވަނީ ނިންމާފައި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި ނިންމެވުމާއި ގުޅިގެން، އެމްޑަބްލިޔުއެސްސީގެެ ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މިގޮތުން، ޖޫރިމަނާ މަޢާފްކޮށްދެވޭނީ އިސްވެ ދެންނެވި ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރައްވާ ކަސްޓަމަރުންނަށް ކަން ވެސް އެ ކުންފުނިން ވަނީ މައުލޫމާތުދީފައެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން އިސްވެދެންނެވި ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވައި ޚަލާސްކުރެއްވުމަށް އެދިވަޑައިގަންނަވާ ކަސްޓަމަރުންނަށް، އެއިންތިޒާމް އެ ކުންފުނިން ހަމަޖައްސަވައި ދެވޭނެކަމަށާއި، މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މަޢާފްކޮށްދެވޭނީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކަވައި ޚަލާސްކުރެއްވުމުން ކމަށް އެކުންފުނިން ވަނީ އަންގާފައެވެ.
އެގޮތުން ކުންފުނީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުއްވުމުން ނުވަތަ 1050 އަށް އެސް.އެމް.އެސްއެއް ފޮނުއްވުމުން ނުވަތަ mail@mwsc.com.mv އަށް އީ-މެއިލްކުރެއްވުމުން މިކަމުގައި އެހީތެރިކަން ލިބިވަޑައިގަންނަވާނެއެވެ.
އެ ކުންފުނިން އިލްތިމާސް ކުރައްވަނީ ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ހަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ގަވައިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށެވެ.

