”ތިމަންނާގެ ހައިސިއްޔަތެއް ނޫން“ ނުވަތަ ”ދީފައިވާ މެންޑޭޓެއް ނޫން“ ކަމަށް ބުނެ މަޝްވަރާއަށް ފަސްޖެހުމަކީ ސަރުކާރުގެ ވާޖިބާ ޚިލާފު ކަމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 04 ގައި ބޭއްވި ކައުންސިލް އިންތިހާބާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި މެދު ނެގި ރައްޔިތުންގެ ރިފެރެންޑަމް ވޯޓަށް ފަހު އެމްޑީޕީ ދަނީ ސިލްސިލާ މުޒާހަރާތައް މާލޭގައި ކުރަމުންނެވެ. މި މުޒާހަރާތަކުގައި ފުރަތަމަ ފަހަރަށް ރޭ ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. އަދި ސިޔާސީ މަޝްވަރާ ކުރުމަށް ދެއްވި ދައުވަތު، ރައީސް ޑރ. މުހައްމަދު މުއިއްޒު އިންކާރު ކުރައްވާފައި ވާތީ ރައްދު ދެއްވައި ވިދާޅުވީ މަޝްވަރާ ނުކުރާ ނަމަ އިހުތިޖާޖުތައް ހުއްޓާނުލާ ކުރިޔަށް ގެންދަވަނެ ކަމަށެވެ.
ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވައި ޕާޓީގެ ކުރީގެ ޗެއާޕާސަންއާއި އެކު ރައީސް ނަޝީދު މިވަގުތު ހުންނެވީ ހއ. އަތޮޅުގަ އެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނާއި ފައްޔާޒްގެ ފަރާތުން ހުށަހަޅާފައިވާ ނިޒާމީ ބަދަލުތަކަށް ސަރުކާރުން ފުރުސަތު ދިނުމަށް ވެސް ގޮވާލާފަ އެވެ.
އެގޮތުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އޮތް ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އެކަށީގެންވާ ހައްލުތަކެއް ހޯދޭނީ ސަރުކާރުން އެމްޑީޕީއާއެކު ވެސް ވާހަކަ ދައްކައިގެން ކަމަށެވެ. އަދި މިކަމަށްޓަކައި މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ގޮވާލި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަލްޓި-ޕާޓީ ސިސްޓަމް އުފެއްދުމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ އަރިހުގައި ދެންނެވުމުން އޭރު އެކަމަށް އިންކާރު ކުރައްވައި، ސިޔާސީ ހަރަކާތްތެރިން ހައްޔަރުކޮށް އަނިޔާކުރި ކަމަށެވެ. އަދި މިއަދުވެސް ރައީސް މުއިއްޒު ”ތިމަންނާގެ ހައިސިއްޔަތެއް ނޫން“ ނުވަތަ ”ދީފައިވާ މެންޑޭޓެއް ނޫން“ ކަމަށް ބުނެ މަޝްވަރާއަށް ފަސްޖެހުމަކީ ސަރުކާރުގެ ވާޖިބާ ހިލާފު ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މިއަދުވެސް ނޫނެކޭ ތިމަންނާގެ ހައިސިއްޔަތެއް ނޫނޭ ނުވަތަ ތިމަންނައަށް ދީފައިވާ މެންޑޭޓެއް ނޫނޭ އެހެން އެބަ ވިދާޅުވޭ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގަ ސަރުކާރުގެ ވާޖިބެއް އެއީ މިވަގުތު އެންމެން އެކުގަ މި ރާއްޖޭގެ ގޮންޖެހުންތަކާ ގުޅޭގޮތުން ރާއްޖެ އަށް ހުރި އުނދަގޫ ދަތިތަކާއި ބެހޭގޮތުން އަޅުގަނޑުމެން އެންމެން މަޝްވަރާ ކުރުމަކީ ކޮންމެހެން ކޮންމެހެން މި ގަޑީގައި ބޭނުންތެރި ކަމެއް.
ރައީސް ނަޝީދު ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމުން، ރައްޔިތުން ވަރަށް ސާފު ޖަވާބެއް ދީފައިވާކަމަށެވެ. އެއީ ގިނަގިނައިން ރައްޔިތުންގެ ގާތަށް އައުމަށާއި، އިންތިހާބުތައް މަދު ނުކުރުމަށް ރައްޔިތުން ދިން ޖަވާބުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކޮށް، ސަރުކާރާއި ދައުލަތް ވަކިކުރަން ޖެހެއެވެ. އަދި ކައުންސިލްތަކުގެ އިހްތިސޯސަށް ބަދަލު ގެނައުމާއި، އަތޮޅު ކައުންސިލްތައް އުވާލުން ފަދަ މުހިންމު ނިންމުންތަކަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ ކަންކަން ނޫންކަމަށާއި، އެކަމުގައި އިންތިހާބީ ކައުންސިލަރުންގެ ބައިވެރިވުން އޮންނަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި އެމަނިކުފާނުގެ ފަރާތުން ހުށަހަޅާ ”ބޮޑު ބަދަލު“ އަށް އިޝާރާތްކޮށް ރައީސް ނަޝީދު ވިދާޅުވީ، މިކަމަށްޓަކައި އިހުތިޖާޖު ކުރުމާއި، މަޝްވަރާ ކުރުމާއި، އަދި ސީދާ ހަރަކާތަށް ނުކުންނަން ޖެހިއްޖެ ހިނދެއްގައި އެކަންވެސް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވަނީ މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާތީ، އެކަމުގައި މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ ސަރުކާރެއް އުފެއްދުމަށް ބޭނުންވާ މަސައްކަތްތައް ވަރުގަދައަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

