އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރިއަށް އޮތް ފަސް އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ”5 ވަނަ ސްޓްރެޓީޖިކް ޕްލޭން“ މިއަދު ރަސްމީކޮށް އާންމުކޮށްފިއެވެ.
މި ޕްލޭނަކީ ރާއްޖޭގައި ކޮރަޕްޝަންގެ ހިރާސް އެންމެ ބޮޑު ދާއިރާތަކަށް އަމާޒުކޮށްގެން، ކޮމިޝަނުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ މުހިންމު މަގުޗާޓެކެވެ.
މި ޕްލޭން ބަހާލެވިފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ.
އެއީ ގަވަރނަންސް އަދި އިދާރީ ތަރައްޤީ، އިދާރީ ހިންގުން ހަރުދަނާކޮށް އެދެވޭ ނަތީޖާ ޙާސިލްކުރުން، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމު ހަރުދަނާކުރުން، ދައުލަތުގެ ޕްރޮކިއުމަންޓާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް ހަރުދަނާކުރުން، އަދި ސިޔާސީ ކޮރަޕްޝަން ހުއްޓުވުމާއި އެކަމަށް ފިޔަވަޅު އެޅުމެވެ.
ޕްލޭންގެ ދަށުން އިދާރީ ގޮތުން ކޮމިޝަން ހަރުދަނާކުރުމަށްޓަކައި ޤާބިލު މުވައްޒަފުން ބިނާކުރުމާއި، މަސައްކަތުގެ މާޙައުލަކީ މުވައްޒަފުންނަށް ހިތްހަމަޖެހޭ ތަނަކަށް ހެދުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ހެކިތަކުގެ މައްޗަށް ބިނާވެ، ނަތީޖާ ނެރެވެވޭނެ ފަދަ ގޮތަކަށް ކޮމިޝަނުގެ އުސޫލުތައް ބަދަލުކޮށް، ތަހުގީގުކުރުމާއި ދައުވާކުރުމުގެ މަރުހަލާތައް ހަރުދަނާކުރުމަށް ވެސް ވަނީ ނިންމާފައެވެ.
އެގޮތުން ނަޒާހަތްތެރިކަން އިތުރުކުރުމަށް ހުރިހާ އުމުރުފުރާތަކަކަށް މަޢުލޫމާތު ދިނުމާއި، މޯލްޑިވްސް އެންޓި-ކޮރަޕްޝަން އެކަޑަމީ މެދުވެރިކޮށް ތަމްރީނުތައް ފުޅާކުރުމަށް މި ޕްލޭންގައި އިސްކަންދީފައިވެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކޮރަޕްޝަންގެ ހިރާސް ބޮޑު ތަންތަން ދެނެގަނެ، އެތަންތަނުގެ ނިޒާމުތައް އިސްލާހުކުރުމާއި، ޕްރޮކިއުމަންޓް ނިޒާމު މޮނިޓަރކުރުން ހަރުދަނާކުރުމަށް ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
މި ޕްލޭންގެ އެންމެ މުހިންމު އެއް އަމާޒަކީ ސިޔާސީ ދާއިރާގައި ހިނގާ ކޮރަޕްޝަން ހުއްޓުވުމެވެ. އެގޮތުން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވޭނެ އިންތިޒާމުތަކާއި، ވަޒީފާ ދިނުމުގެ ކަންކަން ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބާރުއަޅައި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތްކުރުން ހިމެނެއެވެ. އޭސީސީން ގަބޫލުކުރާ ގޮތުގައި މިއީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަށް އެޅިގެންދާނެ ވަރުގަދަ ބިންގަލެއްކަމަށް އެކުންފުނިން ގަބޫލުކުރެއެވެ

