ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓަށް މިފަހުން ގެނައި ބަދަލުތަކާއިއެކު އަލަށް އައްޔަން ކުރެއްވި ވަޒީރުންނަކީ ކުރިން ތިއްބެވި ވަޒީރުންނަށް ވުރެ ވެސް ”ހާލުދެރަ“ ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިޔާދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޒިޔާދު ވިދާޅުވީ ވަޒީރުން ކިތަންމެ ވަރަކަށް ބަދަލުކުރިއަސް، ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ނާންނަ ނަމަ އޭގެއިން ރައްޔިތުންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ފިޝަރީސް މިނިސްޓްރީއަށް ގެނައި ބަދަލުން ހުވަދު އަތޮޅަށް ދިމާވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ނުލިބޭ ކަމަށާއި، އަދި ހެލްތް މިނިސްޓަރު ބަދަލުކުރި ނަމަވެސް ބޭސް ލިބުމުގެ ދަތިކަމަށް ހައްލެއް އައިސްފައި ނުވާ ކަމަށެވެ. ޒިޔާދު ސިފަކުރެއްވި ގޮތުގައި މި ސަރުކާރަކީ ”ދެބޯ ގެރިއެއް“ ފަދަ ސަރުކާރެކެވެ.
ބޭހުގެ ދަތިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒިޔާދު ވިދާޅުވީ، ކުރިން އެސްޓީއޯއިން ބޭސް ގެނައި އިރު މިފަދަ ދަތިތަކެއް ދިމާނުވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާއެކު މިހާރު ބޭސް ލިބުން ދަތިވެފައިވާ ކަމަށާއި، މިއީ ކުންފުނި މަދުވެގެން ދިމާވާ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޒިޔާދު ވަނީ އިތުރު ކުންފުންޏެއް އުފެއްދުމުގެ ބަދަލުގައި ކުރިން އޮތް ގޮތަށް ކަންކަން ބަދަލުކުރުން މާ ރަނގަޅު ނޫންތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން، އެންސްޕާގެ ކަންކަމުގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، އެތަން ހިންގަން ހުރި ބޭފުޅާ މިނިސްޓަރު ކަމަށް އައްޔަން ކުރުމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރި ކަމެއް ނޫން ކަމަށެވެ. އަދި ފުށިދިއްގަރު ހިއްކުމުގެ ޚަރަދާއި ސަރުކާރުގެ މުވައްޒަފުންގެ އަދަދު ފަދަ މައުލޫމާތުތައް ސިއްރުކުރާތީ އެކަމަށް ވެސް އޭނާ ފާޑުވިދާޅުވިއެވެ. ”މި ކަންކަން ކުރައްވަނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ، މިއީ ސިއްރު ކުރަންޖެހޭ މައުލޫމާތެއް ކަމަށް ގަބޫލެއް ނުކުރެވޭ،“ ޒިޔާދު ވިދާޅުވިއެވެ.
މަޖިލީހުގެ ތެރޭގައި ވެސް ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކުމަށް ބިރުވެރިކަން އޮތް ކަމަށް ޒިޔާދު ތުހުމަތު ކުރެއްވިއެވެ. ވަޒީފާއަށާއި އެހެނިހެން ކަންކަމަށް އޮންނަ ބިރު ބޮޑުކަމުން ވާހަކަދައްކާނެ މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހު، 241 ކޮމިޓީއަށް ފޮނުވުމަކީ ވެސް ކަންކަން އޮޅުވާލުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ޒިޔާދު ފާހަގަކުރެއްވިއެވެ.

