އެމްޑީޕީގެ ޗެއާޕާސަންކަމަށް ކެމްޕޭން ކުރައްވަމުންދާ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހއ. ދިއްދޫގައި ހާއްސަ ހިނގާލުމެއް ކުރިޔަށް ގެންދަވައިފި އެވެ.
ރައީސް ނަޝީދު ދިއްދުއަށް ވަޑައިގަތުމުން، ރަށުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް އެއްވެ، އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ރަށަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ”ބޮޑު ބަދަލު ހިނގާލުން“ ނަމުގައި ރަށުގެ މަގުތަކުގައި ބޭއްވި ހާއްސަ ހިނގާލުމުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ހިނގާލުމަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރަށުގެ ހާލަތު ބައްލަވާލެއްވުމަށް ބޭއްވި ހަރަކާތެކެވެ. ރައީސް ނަޝީދާއެކު މި ހިނގާލުމުގައި 2028 ގެ ރިޔާސީ އިންތިހާބަށް އެމަނިކުފާނު އެންޑޯސް ކުރައްވާފައިވާ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި، ކުރީގެ ޗެއާޕާސަން ޙަސައިން ލަތީފްގެ އިތުރުން ރަށު ކައުންސިލްގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް އެކްޓިވިސްޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މަގުމަތިން ބައްދަލުވި ގިނަ ރައްޔިތުންނާ ސަލާމްކުރައްވައި، ރައީސް ނަޝީދު ވަނީ އެބޭފުޅުންގެ ޝަކުވާތަކާއި ހިޔާލުތައް އޮޅުންފިލުއްވާފައެވެ.
ރޭގަނޑުގެ ފަރިއްކޮޅަށްފަހު، ރައީސް ނަޝީދާއި ފައްޔާޒް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ”ބޮޑު ބަދަލު“ ގެ ދަށުން ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ނިޒާމަށް ގެންނަން ބޭނުންވާ އިސްލާހީ ބަދަލުތަކުގެ މައްޗަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރާނެ ގޮތްތަކުގެ ތަޞައްވުރު ދެ ބޭފުޅުން ވަނީ ހިއްސާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާއިރު، ރައީސް ނަޝީދުގެ މި ކެމްޕޭން ދަތުރުފުޅުތަކަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ތައްޔާރުވުމަށާއި، ޕާޓީގެ މެންބަރުންގެ ރޫހު އާލާކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތްތަކެއްކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

