ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރަންޖެހޭނީ ޤާނޫނެއްގެ ތެރެއިން: ހަސަން ލަތީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރުން، އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކާއި ގުޅިވަޑައިގަންވަން ޖެހޭނީ ގާނޫނެއްގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕީޖީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމަށްފަހު މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް އެކަމާއިމެދު ދެކޭގޮތް ހާމަކުރެއްވުމަށް ދެއްވި ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވާ މެންބަރުން ޕާޓީ ބަދަލު ކުރައްވަން ޖެހިވަޑައިގަންނާނީ ގާނޫނެއްގެ ތެރެއިން ކަމަށެވެ. އަދި އަމިއްލަ މެންބަރުންގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގަންނަވާ މެންބަރުންވެސް ޕާޓީއަކާ ގުޅި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ޤާނޫނެއްގެ ތެރެއިން ކަމަށެވެ.

ހަސަން ވިދާޅުވީ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއް ތަޢާރަފު ކުރުމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވުނުއިރުވެސް، އެންމެ މުހިތްމު ކަމަކަށްވެފައި އޮތީ ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީގެ މަފްހޫމަކީ ރާއްޖެއަށް އާކަމަކަށް ވުމުން އެކަންކުރުމަށް އޭރު ވަރަށް ބޮޑަށް ދަތިވި ކަމަށް ހަސަން ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކެއް ތަޢާރަފް ކުރެވި އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފެދިގެން އައިސް، އެޕާޓީއަށް ލިބުނު ތާޢީދު ލިބުނީ ސިޔާސީ ވިސްނުމެއް ފިކުރެއް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމުން ކަމަށް ހަސަން ވިދާޅުވިއެވެ. ސިޔާސީ ޕާޓީތަކަށް އިތުބާރު ލިބެނީ އެޕާޓީއެއްގެ ވިސްނުމާއި ފިކުރު ރައްޔިތުންނާއި ހަމައަށް ގެންގޮސް، ރައްޔިތުންނަށް އެކަންކަން ވިސްނައިދީގެން ކަމަށް ހަސަން ވިދާޅުވިއެވެ.

”އެހެން ނަމަވެސް މި ދެންނެވި ގޮތަށް އެ ވިސްނުމާއި ފިކުރު ހޮވުމަށްފަހު އެހެން ގޮތަކަށް ބަދަލުކޮށްލެވޭ ކަމަށްވަންޏާ އެބަދަލުކުރެވޭނެ ހަމަތަކާއި އުސޫލުތަކެއް ބަޔާންކުރެވެންޖެހޭ، އެއީ އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރަކު ކަމަށްވިޔަސް، އަދި އެއްޕާޓީއަކުން ހޮވި އެހެން ޕާޓީއަކަށް ބަދަލުވުމަށް ބޭނުންވާ މެންބަރަކު ކަމަށްވިޔަސް އެއީ ޤާނޫނަކުން ކުރެވެންޖެހޭނެ ކަމެއް“ ޙަސަން ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ މަޖިލީހަށް ހޮވުނު ޕާޓީ ނޫން އެހެން ޕާޓީއަކަށް މެންބަރުން ބަދަލުވުމަކީ އެ މެންބަރަކަށް ވޯޓު ދެއްވި ރައްޔިތުންގެ ޙައްޤުތައް ގެއްލޭ ކަމެއް ކަމަށެވެ.

މަޖިލީހަށް އިންތިޚާބު ވުމަށްފަހު، ޕާޓީ ބަދަލުކުރާއިރު، އޭނާއަށް ވޯޓު ދިން ރައްޔިތުންގެ ކައިރިން ޚިޔާލު ހޯދުމެއް އަހާލުމެއް ނެތި އެހެން ޕާޓީއަކަށް ބަދަލުވެވޭ ގޮތަށް އޮތުމަކީ އެމްޑީޕީ ޤަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.  

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: