ހައްވާ ޔުމްނު ރަޝީދުގެ މައްސަލައަކީ ދިވެހި މުޖުތަމައުގެ ތެރޭގައި ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ، އަދި ހަމައެހެންމެ ދައުލަތުގެ މުއައްސަސާތަކުގެ ޖަވާބުދާރީވުމާ މެދު ގިނަ ސުވާލުތަކެއް އުފެދިފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތާއި، ތަޙުޤީޤުގެ މަރުހަލާތައް ކުރިއަށްދާ ގޮތާ މެދު އާންމުންނާއި މީޑިއާގެ ފާޑުކިޔުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި މައްސަލައިގައި ހިމެނޭ ފަރާތްތައް ޒިންމާދާރުކުރުވުމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ވަޒީރުގެ ފަރާތުން ސީދާ ޖަވާބެއް ލިބިފައި ނުވުމަކީ މި ކަންބޮޑުވުންތައް އިތުރަށް ގަދަވެގެން ދިޔަ ސަބަބެކެވެ.
ޔުމްނުގެ މައްސަލަ ފެންމަތިވެގެން އައީ 18 އޭޕްރީލް 2025 ގައެވެ. މާލޭގެ އުސް އިމާރާތަކުން ވެއްޓި، އޭނާގެ މައިބަދައަށް ލިބުނު ސީރިއަސް ގެއްލުންތަކާ ގުޅިގެން ކުއްލި ފަރުވާ ދޭން ޖެހުނު ހިސާބުން، މުޅި ގައުމުގެ ސަމާލުކަން މި ހާދިސާއަށް ހުއްޓުނެވެ. ފުލުހުންގެ ތަޙުޤީޤު ފެށުނު ނަމަވެސް، މައްސަލައިގެ އޮޅުންބޮޅުން ބޮޑުކަމާއި، މައުލޫމާތު ހާމަކުރުމުގައި ހުރި ލަސްތަކުގެ ސަބަބުން ތަޙުޤީޤުގެ ދެފުށް ފެންނަ މިންވަރާ މެދު ސުވާލު އުފެދުނެވެ. މި ޕްރެޝަރާ ގުޅިގެން ރިޔާސީ ކޮމިޝަނެއް އުފައްދަން ޖެހުމަކީވެސް، މުއައްސަސާތަކަށް އޮތް އިތުބާރު ކުޑަވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ބޮޑަށް އަމާޒުވި އެއް ސުވާލަކީ، ތަޙުޤީޤުގެ ކުރީކޮޅު އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ އޮފިސަރުންނާ މެދު އެޅުނު ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ފިޔަވަޅުތަކުގެ ތަފްސީލު މިވަގުތު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފުލުހުންގެ ތެރޭގައި އެޅޭ އިދާރީ ފިޔަވަޅުތަކުގެ ދަރަޖަތައް ތަފާތުވާނެ ކަމަށް ވިދާޅުވެ، ސީދާ ޖަވާބަކުން ރެކިވަޑައިގަތުމަކީ، މުއައްސަސާތަކުން ކަންކަން ފޮރުވަން އުޅޭ ކަމުގެ ތުހުމަތު އިތުރުވާން މެދުވެރިވި ސަބަބެކެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ޔުމްނާ މެދު އަމަލުކުރެވުނު ގޮތާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ކުށުގެ މާހައުލެއްގައި އުޅެނިކޮށް އަނިޔާ ލިބުނު ކަމަށް ބުނާއިރު، އޭނާ ޒިންމާދާރު ނުކުރެވުނީ ކީއްވެގެންތޯ އާއި، އޭނާގެ ބަޔާނަށް އެކަށީގެންވާ ބަރުދަނެއް ނުދެވުނީ ކީއްވެގެންތޯ ނޫސްވެރިން ސުވާލު ކުރިއެވެ. މީގެ އިތުރުން، މުޅި ހާދިސާގައި ހަމައެކަނި އެކަކަށް ހުކުމް އައުމަކީ އިންސާފުވެރި ގޮތެއްތޯ ކުރެވުނު ސުވާލުތަކަށް ވަޒީރު އެއްވެސް ޖަވާބެއް ނުދެއްވުމަކީ، މައްސަލައިގެ ހަގީގަތް ހާމަވުމަށް އޮތް ހުރަހެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
ތަހުގީގުގެ އުނިކަން
ހާދިސާ ހިނގި ތަނުގެ ތަހުގީގު ފުރިހަމައަށް ކުރެވިފައި ނުވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އުފެއްދެވި ކޮމިޝަނުގެ ރިޕޯޓުން ވެސް ހާމަވެއެވެ. ޔުމްނު އުޅުނު ހ. ފެންޓެނޯގެ 7، 8، އަދި 9 ވަނަ ފަންގިފިލާއާއި، ވެއްޓުނު ހ. މިޓާޒްގެ ފުރާޅުމަތި ރަނގަޅަށް ބަލާފައި ނުވެއެވެ. އަދި މިޓާޒްގޭގެ ގުދަނުގެ އެތެރެ ވެސް ބަލާފައި ނުވާކަން ފާހަގަކުރެވެއެވެ.
ކޮމިޝަނުގެ ތަހުގީގުން ހާމަވި ގޮތުގައި ޔުމްނު އާއި ރައުދު އަހުމަދު ޒިލާލް ތިބީ މަސްތުގެ ހާލަތުގައެވެ. މި ހާލަތަށް ދިޔައީ އެ ދެ މީހުންގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ، އޭގެ ޒިންމާ އުފުލަންޖެހޭނީ އެ ދެ މީހުން ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކުރެވުނެވެ. ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކޮށް، ޒުވާނުންތަކެއް މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއެވެ.
ކޮމިޝަނުގެ ހުށަހެޅުންތައް
ކޮމިޝަނުން ވަނީ މިފަދަ އިހުމާލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ފުލުހުންގެ ޑިޕާޓްމަންޓުތަކުގެ އެސްއޯޕީއަށް ފުލުހުން އަލުން އަހުލުވެރިކުރުމާއި، އިތުރު ތަމްރީނުތައް ދިނުމަށް ހުށަހަޅާފައެވެ. މީގެ އިތުރުން، މި މައްސަލައިގައި އިހުމާލުވި ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް ވެސް ހުށަހަޅާފައިވެއެވެ.

