ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލަން ތައްޔާރު ވަމުން އަންނަ ކަމަށް ހައުސިން ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެކަމާއި ދެކޮޅު ހައްދަވައިފިއެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އޮންލައިން ނޫސް ”އަވަސް“ އަށް ވިދާޅުވީ ފޭސް ދޭކުން ބިން ކުއްޔަށް ދޭން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ.
އެޗްޑީސީގެ ނިންމުމާއި ގުޅިގެން މައްޗަން ގޮޅީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެޗްޑީސީގެ ނިންމުމަކީ މިހާރުން މިހާރަށް ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.
މުޙައްމަދު ވިދާޅުވީ މާލެއަކީ ތޮއްޖެހިފައިވާ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށްފަހު، މުއްސަދިން މަހުޖަނުންނަށް ބިން ވިއްކާ، ވިޔަފާރި އުސޫލުން ކަންކުރާ ކުންފުންޏަޔަކަށް އެޗްޑީސީ ވެގެން ނުވާނެ ކަމަށެވެ.
ވިޔަފާރި އުސޫލުން ކަންކުރުމުގެ ބަދަލުގައި ސަރުކާރުން، ރައްޔިތުންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދެއްވުމަށް މުޙައްމަދު ވަނީ ގޮވާލައްވާފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކައިލް ނަސީމް ވިދާޅުވީ ހުޅުމާލެ ހިއްކީ މާލޭގެ ބޯހިޔާވަހިކަމަށް ލުޔެއް ގެނައުމަށެވެ. އަދި މުއްސަނދިންނަށް ހުޅުމާލޭގެ ބިން ވިއްކުމުން އެ މަގްސަދު ހާސިލްވާތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި 240 ހެކްޓަރުގެ ބިން ހިއްކާފައި ވަނީ 2017 ވަނަ އަހަރު އެވެ. އަދި 2018 ވަނަ އަހަރުގެ ފަހުކޮޅު ހުޅުމާލެ ފޭސް ދޭކުން 1،000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާގެ މަގުން ވިއްކަން މަސައްކަތް ކުރުމުން އޭސީސީން ވަނީ އެކަން ހުއްޓުވާފައެވެ.

