ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް ސިޔާސީ ބޭނުމަކަށް އެއްވެސް ކުށްވެރިއަކު ބަންދުން ދޫކޮށްފައި ނުވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އައްޑޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހައްޔަރުކުރި ބަޔަކު އިންތިޚާބާ ދިމާކޮށް ދޫކޮށްލި ކަމަށް ބުނެ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަ މީހަކު، އިންތިޚާބަށް މަހެއް ވެފައި ވަނިކޮށް ދޫކޮށްލުމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ކޮންމެ މީހަކު ހައްޔަރުކުރި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވަކި ޓައިމްލައިންތަކެއް ހިނގާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހަޅަންޖެހޭ މުއްދަތުތަކަށް ބަލާއިރު، މިއީ އިންތިޚާބާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫންކަން ސާފުވާނެ ކަމަށް ވިދާޅުވިއެވެ.
އިޙުސާން ތަފްސީލުކޮށްދެއްވި ގޮތުގައި، އައްޑޫ މައްސަލައިގައި ހިމެނޭ މީހުން ދޫކޮށްލަން ޖެހުނީ ޕީޖީ އޮފީހުން ދައުވާ އުފުލުމާ މެދު ގޮތެއް ނިންމަން ޖެހޭ މުއްދަތު ހަމަވިއިރު، ބަންދުގައި ބޭތިއްބޭނެ ގާނޫނީ ސަބަބެއް ނެތުމުންނެވެ. އެ މައްސަލައިގައި ގިނަ ހެކިތަކެއް ލިބިފައިވީ ނަމަވެސް، ޕީޖީން ވަނީ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް އިރުޝާދު ދެއްވާފައެވެ. އެހެންކަމުން އެވަގުތަށް ރިއާޔަތްކޮށް ބަންދުގައި އިތުރަށް ނުބެހެއްޓޭނެތީ ދޫކޮށްލީ ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ކުރި ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބަންދުގައި މީހަކު ބެހެއްޓޭނީ ގާނޫނީ ގޮތުން ފުރުސަތު އޮތް މުއްދަތަށެވެ. އެ މުއްދަތު ހަމަވުމުން ތަހުގީގު ކުރިއަށްދިޔަ ނަމަވެސް ބަންދުން ދޫކޮށްލަން ޖެހުނަސް، އެއީ މައްސަލަ ހުއްޓާލުން ނޫން ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް މަސްތުވާތަކެތީގެ ނެޓްވޯކްތަކުގެ އިސް ފަރާތްތަކާ ދެކޮޅަށް މަނީ ލޯންޑަރިންގެ އޭންގަލުން ތަހުގީގުތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މި ތަހުގީގުތަކާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، ”މިސަރުކާރުން ޑްރަގްސްގެ ނެޓްވޯކްގައި އިސްކޮށްތިބޭ ފަރާތްތަކާއި ދެކޮޅަށް މަނީލޯންޑަރިންގެ އޭންގަލްއަކުން ބަލާ ތަހުޤީގުތަކެއް ކުރެވެމުންދޭ، މިކަމުގައިވެސް ކޮމްޕްލީޓްކުރަންޖެހޭ އަދި ރަނގަޅު ކުރަންޖެހޭ ކަންތަކެއް ހުރިކަން ޤަބޫލުރަން، އެކަންކަން ދަސްކުރަމުން ފުރިހަމަ ކުރަމުން މިދަނީ،“ ކަމަށެވެ.
ވާހަކަ ނިންމާލައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގިނަ އިންތިޚާބުތަކެއް ކުރިއަށްދާއިރު، އިއްތިފާގަކުން ގާނޫނީ ޓައިމްލައިންތަކާއި އިންތިޚާބާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ސިޔާސީ ނިންމުމެއް ނޫންކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

