ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މަރަށް ފަސް އަހަރު: ފަހު އަޑުއެހުން އަންނަ ހަފުތާގައި، މި މަހު ހުކުމް ކުރާނެ!

އިބްތިހާލްގެ މަރަށް ފަސް އަހަރު: ފަހު އަޑުއެހުން އަންނަ ހަފުތާގައި، މި މަހު ހުކުމް ކުރާނެ!
ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ނިންމައި، އެ މައްސަލައިގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ނިންމާ ތާވަލުކޮށްފިއެވެ.

ޖެނުއަރީ، 2015 ގައި ތިން އަހަރުގެ އިބްތިހާލަށް އަނިޔާކޮށް، މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެއެވެ. އެއީ އިބްތިހާލް މަރުވުމުގެ ކުރިން އެކި ދުވަސްމަތިން އަނިޔާކުރި ކަމަށް ބުނެ ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އާއި އިބްތިހާލް މަރުވި މައްސަލާގައި ކުރާ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އިބްތިހާލްގެ މަންމަ އާފިޔާ ހައްޔަރު ކުރުމާއި އެކު އޭރު މުވައްސަސާތަކަކާއި ވުޒާރާތަކުން ވެރިން ބުނަމުން ދިޔައީ މައްސަލަ ވަރަށް އަވަހަށް ތަހުގީގުކޮށް އިބްތިހާލަށް ލިބެންޖެހޭ އިންސާފު ހޯދައިދޭނެކަމަށެވެ. އެގޮތުން މަސައްކަތް ބާރު ސްޕީޑެއްގައި ފެށި އިބްތިހާލްގެ ދޮން ކާފަ އިސްމާއިލް ރައޫފްގެ މައްޗަށް އަމިއްލަ ދަރިކަށާއި ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ދައުވާ ވެސް އުފުލިއެވެ.

އިބްތިހާލަށް އާފިޔާ އިހުމާލު ވަމުން ދިޔަކަމުގެ އެތައް މައްސަލައެއް ހުށަހެޅުނު ނަމަވެސް ކަމާއި ބެހޭ އިދާރާއަކުން އޭގެ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ހިންގާފައި ނުވާތީ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މައްޗަށްވެސް އިހުމާލުވީ ކަމުގެ ދައުވާ އުފުލުނެވެ. އެހެން ނަމަވެސް އެ ތުއްތު ކުއްޖާގެ މަރަށް ފަސް އަހަރު ވެގެންދިޔައިއިރު އިބްތިހާލު މަރާލިކަމަށް، އޭނާގެ މަންމަ އާފިޔާ އެއްބަސްވީ ޝަރީއަތުގެ މަޖިލީހުގައެވެ.

ރަކީދޫގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލައިގައި އޭނާގެ މަންމަގެ މައްޗަށް ދައުވާކުރި މައްސަލަ ކޯޓުގައި އޮންނަތާ ތިން އަހަރުވެއްޖެއެވެ.

އެ މައްސަލާގެ އަޑުއެހުމެއް މިއަދަށް ތާވަލު ކުރިއެވެ. އަޑުއެހުން ބޭއްވީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި އާފިޔާގެ ފިރިމީހާ އިބްރާހިިމް ޝަފީގާއި އިތުރު އަވަށްޓެރިއެއްގެ ހެކިބަސް ނެގުމަށް ބަމަވެސް އެ ދެ މީހުންނާ ގުޅޭ ގޮތް ނުވުމުން އެ މީހުން ކޯޓަށް ހާޒިރު ކުރެވޭ ގޮތެއް ނުވިއެވެ. އެކަމާއި ގުޅިގެން ދައުލަތުން އެދުނީ، ކޯޓަށް ހާޒިރުވުމުގެ އަމުރެއްގެ ދަށުން އެ މީހުން ހާޒިރުކޮށް ދިނުމަށެވެ. ދައުލަތުން އެ މީހުންގެ ހެކި ބަސް ނެގުމަށް ކޯޓަށް ހާޒިރު ކުރަންކުރި މަސައްކަތް ކާމިޔާބުވެފައިނުވާތީ މައްސަލަ ބައްލަވާ ގާޒީ ވަނީ އެ ދެމީހުންގެ ހެކި ބަސް ނެގުން އެއީ ކޮންމެހެން ވެސް މުހިންމުކަމެއްގެތޯ ސުވާލު ކުރައްވާފައެވެ.

ދައުލަތުން ބުނެފައިވަނީ މައްސަލައިގައި ޝަފީގުގެ ހެކި ބަސް ނަގަން ބޭނުން ވާކަމަށް

ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ޝަފީގަކީ އާފިޔާގެ ފަރާތުންވެސް ދިފާއީ ހެއްކެއް ކަމަށެވެ. އެހެން ކަމުން، އޭނާގެ ބަސް މުހިންމު ކަމަށެވެ. ޝަފީގު ދިރިއުޅެމުންދަނީ އއ. އަތޮޅިގައި ކަމުގެ މައުލޫމާތު ލިބިފައިވާއިރު އޭނާއާ ގުޅޭނެ މައުލޫމާތު ދައުލަތުން ކޯޓަށް ފޯރުކޮށްދޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެއަށްފަހު ގާޒީ ވަނީ ޝަފީގު ހާޒިރު ކުރުމަސް ބޭނުންވޭތޯ އާފިޔާ އާއި ސުވާލުކޮށްފައެވެ. އަދި އާފިޔާ ބުނެފައިވަނީ އޭނާ ޝަފީގު ހާޒިރު ކުރުމަށް ބޭނުންވާ ކަމަށެވެ.

ދެ މީހުން ހާޒިރު ކުރެވޭތޯ ބެލުމަށް އިތުރު އަޑުއެހުމެއް މިމަހުގެ 18 ވަނަ ދުވަހު ބާއްވާނެ ކަމަށް ގާޒީ އިއުލާނު ކުރެއްވިއެވެ. އަދި އެދުވަހު ހެކިބަސް ނުނެގުނަސް، ހުލާސާ ބަޔާން ހުށަހަޅައި، އެ މައްސަލާގެ އަޑުއެހުންތައް އެދުވަހު އެއްކޮށް ނިންމާލާނެ ކަމަށް ވިދާޅުވިއެވެ. އެހެންވެ، އެކަމަށް ތައްޔާރުވުމަށް ގާޒީ އެންގެވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި އެދުވަހު ޚުލާސާ ބަޔާން ހުށަހެޅުމަށް ފަހު، އެ މައްސަލާގެ ހުކުމް އިއްވާނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.

އިބްތިހާލްގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްގައި އޮތްއިރު އެތަނަށް ގޮސް އިބްތިހާލްގެ ހަށިގަނޑު ބެލުމަށް ފަހު ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓް ތައްޔާރުކުރި ފުލުހެއް ވަނީ މީގެ ކުރިން ޝަރީއަތުގައި ހެކި ބަސް ދީފައެވެ. އިބްތިހާލުގެ ހަށިގަނޑު ބެލިއިރު ދުވަސްވެފައިވާ އަނިޔާތަކުގެ ނިޝާންތައް ހުރިކަން ފުލުސް މީހާ ވަނީ ފާހަގަކޮށްފައެވެ. އެހެން ނަމަވެސް، އިބްތިހާލުގެ ކުރިމަތި ފަރާތަަށާއި، ކަރާއި ކަންފަތުގައި ހުރި ނިޝާންތަކަކީ އަނިޔާ ލިބުނުތާ މާގިނަ ވަގުތުތަކެއް ނުވާ ނިޝާންތަކެއް ކަމަށް އޭނާ ވަނީ ހެކި ބަސްދީފައެވެ. ދި މީހެއްގެ ނިޔަފަތީގެ ނިޝާންތަނެއްވެސް އިބްތިޙާލުގެ ކަރުގެ ދެ ފަރާތުގައި ފެންނަން ހުރި ކަމަށް ޝަރީޢަތުގައި ހެކިބަސް ދެމުން އޭނާ ބުންޏެވެ. ހެކި ބަސް ދިން ފުލުސް މީހާ ބުނީ ތަހުގީގުގެ ބޭނުމަށް އިބްތިހާލަށް ލިބިފައިވާ އަނިޔާތަކުގެ ފޮޓޯ ނެގުމާއި އަދި އިތުރު ބައެއް ހެކިތައް ތަހުލީކަށް ނަގާފައިވާނެ ކަމަށެވެ.

އިބްތިހާލް މަރާލިކަމަށް އާފިޔާ އެއްބަސްވި، ނަަމަވެސް މިހާރު ދަނީ އިންކާރު ކުރަމުން

ޖެނުއަރީ، 2015 ގައި އުމުރުން ތިން އަހަރުގެ އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ، އޭނާ މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދައުވާ ކުރާއިރު، މީގެ ކުރިން ތަހުގީގާއި ޝަރީއަތުގެ އެތައް އަޑުއެހުންތަކެއްގައި އޭނާ ވަނީ އިބްތިހާލް މަރުވި ދުވަހު އިބްތިހާލަށް އަނިޔާ ކުރި ކަމަށް އެއްބަސްވެ، އެކަން ކުރި ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. އާފިޔާ ބުނެފައި ވަނީ އޭނާގެ މަންމަ ކައިރިން ދަރިފުޅު އޭނާގެ ކައިރިއަށް ބަދަލު ކުރި ދުވަހުން ފެށިގެން އަނިޔާ ކުރި ކަމަށާއި އަނިޔާ ކުރީ އެއީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށެވެ. އަދި ރުޅި އަންނަ ކޮންމެ ފަހަރަކު އިބްތިހާލަށް އަނިޔާ ކުރާ ކަމަށް ކުރީގެ ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮގަސްޓު މަހު ބޭއްވި އަޑުއެހުމުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާކޮށްފައި ނުވާނެކަމަށް ބުނެފަެވެ. އާފިޔާ ބުނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެއް ކަމަށް ގޮވާފައިވަނީ އަވަށްޓެރިން ކަމަށެވެ. އެގޮތުން ބައެއް އަވަށްޓެރިން ގޮވާފައިވަނީ އިބްތިހާލަކީ މަރާލަންޖެހޭ ކުއްޖެކޭ ކަމަށް އާފިޔާ ޝަރީއަތުގައި ބުނެފައިވެއެވެ.

އިބްތިހާލް މަރުވުމުގެ ދުވަސްތަކެއް ކުރިން މަންމަ އާފިޔާގެ ފަރާތުން އޭނާއަށް އަނިޔާތަކެއް ލިބެމުން ދިޔަ ކަން ޖެންޑާ މިނިސްޓްރީއަށް އެރަށުން ރިޕޯޓްކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: