ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޖުތިމާއީ އަދި އިގުތިސާދީ ގޮންޖެހުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. ނަމަވެސް، ފަހަކަށް އައިސް ހައުސިން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ދައްކަވަމުންދާ ވާހަކަފުޅުތަކުގެ ސަބަބުން، ކުރިން އޮތް ސާފު ސިޔާސަތާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައާއި، އޭގެ ފަހުން ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. މިއީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު އުންމީދެކެވެ. ޚާއްސަކޮށް ”ފަސްޓް ހޯމް“ ނުވަތަ ފުރަތަމަ ގެ ކަށަވަރުކޮށްދިނުމުގެ ސިޔާސަތަކީ ޒުވާނުންނަށް އަމާޒުކޮށް އިއުލާނުކުރި ވަރަށް ވަރުގަދަ ވައުދެކެވެ.
މިނިސްޓަރު މުއްތަލިބުގެ ތަފްސީލާއި އުފެދުނު އޮޅުން
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުން މި ވައުދުގެ މާނަ މުޅިން ބަދަލުވެގެންދިޔަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ދިނުމުގެ މާނައަކީ ކޮންމެ މީހަކަށް ވަކި ފްލެޓެއް ނުވަތަ ގޯއްޗެއް ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެމީހަކު ހިމެނޭ އާއިލާއަށް ބޯހިޔާވަހިކަން ލިބިފައި އޮތުމެވެ. މިސާލެއްގެ ގޮތުން ދެމަފިރިއަކަށް ދެ ތަން ލިބުމުގެ ބަދަލުގައި، އެ އާއިލާއަށް އެއް ތަން އޮތުމުން އެ ވައުދު ފުދުނީ ކަމަށް މިނިސްޓަރުގެ ވާހަކައިން ދޭހަވެއެވެ.
މިނިސްޓަރު މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، މި ސިޔާސަތު ތަންފީޒު ކުރުމުގައި މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފްލެޓް އެޅުމަށް ބޭނުންވާ ބިން ނެތުމެވެ. މިއީ މީގެ ކުރިން ސަރުކާރުން ދައްކަމުން އައި ވާހަކަތަކާ ތަފާތު ވާހަކައެކެވެ. ކުރިން ވިދާޅުވަމުން ގެންދެވީ ގިރާވަރުފަޅާއި، ގުޅީފަޅު އަދި ފުށިދިއްގަރުފަޅު ހިމެނޭހެން މާލެ ސަރަހައްދުން އެކަށީގެންވާ ވަރަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށެވެ. ބިމުގެ ދަތިކަމުގެ ވާހަކަ މިހާ ހިސާބުން ފެންމަތިވުމަކީ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭ ކަމެކެވެ.
ސިޔާސަތުތަކުގެ ފުށުއެރުން
ރައީސް މުއިއްޒު މީގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް މިއަހަރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ކަށަވަރުވާކަމުގެ ލިޔުން ދެއްވާނެ ކަމަށެވެ. ނަމަވެސް، މިނިސްޓަރުގެ ވާހަކަފުޅުން އެނގެނީ މި ލިޔުން ދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ”އާއިލާ“ މާނަކުރާ ގޮތް ތަފާތުވެފައިވާ ކަމެވެ. މިފަދަ ފުށުއެރުންތަކުގެ ސަބަބުން، ސަރުކާރުގެ އަސްލު ޕްލޭނަކީ ކޮބައިކަން އޮޅި، ރައްޔިތުންގެ އިތުބާރު ކުޑަވުމުގެ ފުރުސަތު އެބައޮތެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، މިކަމުގައި ސަރުކާރުގެ ތެރޭގައި އެއްގަލަކަށް އެރިފައިވާ، ސާފު ސިޔާސަތެއް އޮތުން މުހިންމެވެ. 18 އަހަރުން މަތީގެ ކޮންމެ ފަރުދަކަށް ބޯހިޔާވަހިކަން ދިނުމާއި، ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ދިނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. އެހެންކަމުން، ރައްޔިތުންނަށް ވެފައިވާ ވައުދާ އެއްގޮތަށް ކަންކަން ކުރިއަށްދާނެކަމުގެ ޔަގީންކަން ދިނުމަށްޓަކައި، ސަރުކާރުން މިކަން އިތުރަށް ސާފުކޮށްދޭންޖެހެއެވެ.

