ރިޒާވް ބެންކު އޮފް އިންޑިއާ (އާރުބީއައި) އިން 2024 ވަނަ އަހަރު ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ލޯނު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދައްކާ ޚަލާސްކޮށްފިއެވެ.
މި ލޯނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ޤާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން ދޫކުރި ލޯނެކެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި، މި ލޯނު ދައްކަންޖެހޭ ސުންގަޑި ހަމަވިއިރު، ރާއްޖެއިން ވަނީ އެ ފައިސާ އެއްކޮށް ދައްކާ ނިންމާފައެވެ. މީގެ އިތުރުން، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރުވެސް ސަރުކާރުން މިހާރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ.
އިތުރު 319 މިލިއަން ޑޮލަރުގެ ލޯނެއް ހަމަޖެހުން
400 މިލިއަން ޑޮލަރުގެ ލޯނު ދައްކާފައިވާއިރު، އިންޑިއާއިން މިހާރު ވަނީ އިތުރު 30 ބިލިއަން އިންޑިއާ ރުޕީސް ނުވަތަ 319 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ރާއްޖެއަށް ހަމަޖައްސައިދީފައެވެ. މި ލޯނު ހަމަޖައްސައިދިނުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރުން ވިދާޅުވީ، އިންޑިއާއިން އަލަށް ހަމަޖައްސައިދިން 319 މިލިއަން ޑޮލަރުގެ ލޯނުގެ ސަބަބުން މިވަގުތު ކުރިމަތިވަމުންދާ މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ފައިސާގެ އެހީގައި ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.
ރާއްޖޭގެ ތަރައްޤީގައި އިންޑިއާއިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވަމުން، މިފަދަ މާލީ އެހީތެރިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

