ބަވަނަވަމުން އަންނަ ދުނިޔެޔޭގައި އިންޓަނެޓަކީ ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި ހިއްސާވާނެ ބައިވެރިއެއްކަން ގައިމެވެ. ހާއްސަކޮށް މީސްމީޑިއާގެ މަންސަތަކަކީ ގިނަ ބައެއްގެ ދުވަހުގެ ތާވަލުން ޖާގަހޯދާނެ އެއްޗެހިކަން ކަށަވަރެވެ. ދުނިޔޭގެ އާބާދީގެ ތެރެއިން އާންމު ގޮތެއްގައި މީސްމީޑިއާ ބޭނުންކުރާ މީހުންގެ އަދަދު ތިން ބިލިއަނަށް އަރަ އެވެ. މިއީ ދުނިޔޭގެ ޖުމްލަ އާބާދީގެ 40 އިންސައްތަ މީހުންނެވެ. ރިޕޯޓްތައް ބުނާގޮތުން މިއިން ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ދެ ގަޑިއިރު މީސްމީޑިއާގައި ހާލަތުތައް އަދާހަމަ ކުރުމާއި، ޕޯސްޓްތައް ބެލުމުގައި ހޭދަކުރެ އެވެ. އެންމެ މިނެޓަކަށް ބަލާލާއިރު ބައި މިލިއަނަށް ވުރެ ގިނަ ޓްވީޓާއި، ސްނެޕް ޗެޓް ފޮޓޯ އަޕްލޯޑް ކުރެވެ އެވެ.
ކަން މިހެން ހުރުމުން ވެސް ކަންނޭނގެއެވެ. ކޮންމެ ކަމެއް ދިމާވިޔަސް އެންމެ ފުރަތަމަ ހިއްސާކޮށްލެވެނީ މީސްމީޑިއާގައެވެ. ކިތަންމެ ސީރިއަަސް ކަމެއް ނުވަތަ ބޮޑު މައްސަލައަކަށް ވިޔަސް މެއެވެ. ދިވެހިރާއްޖެއަކި ވެސް ނިކަން މީސްމީޑިއާ އަށް ފޯރިހުންނަ ރައްޔިތަކު އުޅޭ ގައުމެކެވެ. ދައްކަން މިއުޅެނީ މީސްމީޑިއާ ބޭނުންކުރުން ގޯސް ވާހަކައެއް ނޫނެވެ. އެކަމަކު ދިވެހިންގެ ތެރޭގައި މިހާރު އޮތް ނޭދެވޭ އާދައެއްގެ ވާހަކައެވެ.
ކުޑަކުއްޖަކު ބަލިވެ އިނަސް ޖަހާލަނީ ފޭސްބުކްގައެވެ. ޖިންސީ ފުރައްސާރައެއް ކުރިމަތި ވީމާ ކޮށްލަނީ ޓްވީޓެކެވެ. މި ނޫނަސް އެތައް ބާވަތެއްގެ މައްސަލައެއްގެ ވާހަކަ މީސްމީޑިއާގެ މަންސަތަކުގައި ހިއްސާކޮށްފައި ހުރެއެވެ. ދާދި ފަހުން ކުޑަ ދެ ކުއްޖަކު ގައިގޯޅިވެ އުމުރާ ނުގުޅޭ އަމަލެއް ހިންގި މައްސަލައެއް ފެންމަތިވިއެވެ. އެއާއިއެކު މީސްމީޑިއާގައި ބަޔަކު ހިއްސާކުރީ އެމަންޒަރު ފެންނަ ވީޑިއޯއެކެވެ.
އެ ވީޑިއޯ ފަތުއަޑު ކިޔާފައި ވައިރަލްވެގެންދިޔައެވެ. ޚުދު ޖެންޑަރ މިނިސްޓްރީއާއި ހަމައަށް ވީޑިއޯ ދިޔަ ކަމަށްވަނީ މީސްމީޑިއާ މެދުވެރިކޮށެވެ. އެކަމަކު އެފަދަ މައްސަލައެއް އެއްވެސް ފަރާތަކުން މިނިސްޓްރީ އަށް ރިޕޯޓުކޮށްފައި ނުވާ ކަމަށް ޖެންޑާއިން ބުންޏެވެ.
މައްސަލައަކީ މިއެވެ. ދައްކަން މިއުޅޭ ވާހަކައަކީ މިއެވެ. ކަމާ ގުޅުންހުރި އިދާރާތަކަށް މިފަދަ މައްސަލަތައް ރިޕޯޓުނުކޮށް މީސްމީޑިއާގައި ރިޕޯޓުކުރާ ވާހަކައެވެ. މީސްމީޑިއާއަކި ތަހުގީގީ އިދާރާއެއް ނޫނެވެ. މައްސަލަ ބަލާ ކޯޓެއް ވެސް ނޫނެވެ. އަނެއްކޮޅުން އަނެކާގެ ކުށް ދައްކައި ބޭޒާރު ކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ.
އިސްލާމްދީން ބާރުއަޅަނީ އަނެކާގެ އައިބުތަކާއި ކުށްތައް ދައްކައި ބޭޒާރުކުރުމުގެ ބަދަލުގައި ފޮރުވައި ދިނުމަށެވެ. މީގެ މާނައަކީ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަނާޅާ ސިއްރުކުރާށެކޭ ނޫނެވެ. މަސައްލައެއް އޮތިއްޔާ މައްސަލަ ރިޕޯޓުކުރަން ހާއްސަކުރެވިފައިވާ އިދާރާތަކަށް މައްސަލަ ރިޕޯޓުކުރާށެވެ. އެއްގޮތަކަށް ވެސް މީސްމީޑިއާގައި މީހުން ފަލީހަތްކުރުން ސަޅިއެއް ނޫނެވެ. އެއީ މޮޅު ކަމެއް ވެސް ނޫނެވެ. ވަރަށް ވެސް ”ޑީ-ގުރޭޑް“ ކަމަކެވެ.
ތަކުރާރުކުރަމެވެ. މީހަކަށް ކުށެއް ކުރެވުމުން މީސްމީޑިއާގައި އެ މީހަކު ފަލީހަތްކޮށް މަލާމަތްކުރުން ހުއްޓާލަން ޖެހެއެވެ. މީމްސް ހަދައި ޖޯކުޖެހުން ހުއްޓާލަންޖެހެއެވެ. ދަންނާށެވެ. ފުރިހަމަ މުސްލިމަކީ ތިބާގެ މުސްލިމް އަޙާ ނުވަތަ އުޙްތާގެ އައިބުތައް ފޮރުވައިދޭ މީހާ އެވެ. ފަލީހަތް ނުކުރިޔަސް މައްސަލަ ޖެއްސީމާ ކަމަބެހޭ މީހުން އެކަން ބަލައި ފިޔަވަޅު އަލަންޖެހޭ ނަމަ ފިޔަވަޅު އަޅާނެއެވެ. އަދި ބުނަމެވެ. ކިތަންމެ ބޮޑު ކުށަކަށް ވެސް ތަޢުބާ ވެވޭނެއެވެ. އަދި ތަޢުބާ ވުމަށްފަހު އެ މީހަކީ ކުށެއް ނުކުރާ މީހެއް ފަދައެވެ. އެހެނީ މީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވައިދެއްވާނެތެވެ.

