ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ތިލަދުންމަތީގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެމް.ޑީ.ޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް އަމާޒުކުރައްވައިގެން ކުރެއްވި މުހިންމު ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ފައްޔާޒް އިސްމާޢީލް ބައިވެރިވެވަޑައިގެންނެވިއެވެ.
ކުޅުދުއްފުށީގެ ދަތުރުފުޅު
ބުދަ ދުވަހު ހެނދުނު 9:20 ގައި ރައީސް ނަޝީދު ކުޅުދުއްފުށްޓަށް ވަޑައިގަތުމުން، އެއާޕޯޓް ސަރަޙައްދުން އެމް.ޑީ.ޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރަށުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ އެމް.ޑީ.ޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނެވެ. މިގޮތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ވަނީ ފައްޔާޒް އިސްމާޢީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. ކުޅުދުއްފުށްޓަކީ ރައީސް ނަޝީދުގެ ވެރިކަމުގައާއި އޭގެ ފަހުންވެސް އެމަނިކުފާނު ވަރަށް ގާތް ގުޅުމެއް ބާއްވަވާ ރަށެއްކަން ފާހަގަކުރެވުނެވެ.
ދަތުރުފުޅުގެ ތެރެއިން އަލަށް އިންތިޚާބުވި ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި އެމް.ޑީ.ޕީގެ ކުރީގެ މަންދޫބުންނާ ބައްދަލުކުރައްވައި، ލޯކަލް ގަވަރނަންސް ނިޒާމާއި ރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އިޤްތިޞާދީ ގޮތުން ކުޅުދުއްފުށީގައި ބޮނބި ނަރު އުފައްދައި ބައިނަލްއަޤްވާމީ ބާޒާރަށް އެކްސްޕޯޓްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރަށުގެ ކެމްޕޭން ޓީމުން އެދިފައިވާ ފަދައިން، ރާއްޖޭގެ 7 ސަރަޙައްދެއްގައި ދާއިމީ ”ޖަގަހަ“ ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ”ބޮޑު ބަދަލު“ އިޞްލާޙީ އެޖެންޑާ ރައްޔިތުންނަށް އޮޅުންފިލުވައިދެއްވައި، ޤައުމީ ފެންވަރުގެ އިސް މަޤާމުތަކުގައި ކުޅުދުއްފުށީގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުއްވިއެވެ. ރައީސް ނަޝީދު ކުޅުދުއްފުށިން ފުރާވަޑައިގަތީ ހަވީރު 4:15 ގައެވެ.
ދިއްދޫގެ ދަތުރުފުޅު
ހަވީރު 5:00 ގައި ދިއްދޫއަށް ވަޑައިގަތުމުން ބަނދަރު ސަރަޙައްދުން ހޫނު މަރުޙަބާއެއް ދެންނެވުނެވެ. އިޞްލާޙީ ބަދަލުތަކަށް ތާއީދު ހޯއްދެވުމަށް ”ބޮޑު ބަދަލު ހިންގާލުން“ ނަމުގައި ރަށު ތެރޭގައި ހިނގާލުމެއް ބޭއްވިއެވެ. މި ހިނގާލުމުގައި ފައްޔާޒް އިސްމާޢީލާއި ޙުސައިން ލަޠީފް ބައިވެރިވެވަޑައިގަތެވެ.
އޭގެ ފަހުން ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި އާމްދަނީ އިތުރުކުރުމާއި، ފަތުރުވެރިކަން ފުޅާކުރުމާއި، އިޤްތިޞާދީ ކުރިއެރުމާ ގުޅޭގޮތުން އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ރޭގަނޑުގެ ފަރިއްކޮޅަށްފަހު އިތުރު މަޝްވަރާތައް ކުރިއަށް ގެންދަވައި، އެ ރޭ އެމަނިކުފާނު މަޑުކުރެއްވީ ދިއްދޫގައެވެ.
އިހަވަންދޫގެ ދަތުރުފުޅު
ޖެހިގެން އައި ދުވަހުގެ ހެނދުނު 9:00 ގައި އިހަވަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. އިހަވަންދޫ ކައުންސިލާއި ޑަބްލިޔު.ޑީ.ސީ އާ ބައްދަލުކުރައްވައި، ރަށަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. ”ބޮޑު ބަދަލު“ މަފްހޫމަށް ރަށުގެ ރައްޔިތުންގެ ފުރިހަމަ ތާއީދު ލިބިފައިވާކަން މި ދަތުރުފުޅުގައި ފާހަގަކުރެވުނެވެ. އެމަނިކުފާނު އިހަވަންދޫއިން ފުރާވަޑައިގަތީ މެންދުރު 14:30 ހާއިރުއެވެ.
ހަނިމާދޫގެ ދަތުރުފުޅު
ވަގުތު ކުޑަތަންވެފައި އޮތުމުން ހަނިމާދޫއަށް ކުރެއްވީ ކުރު ޒިޔާރަތެކެވެ. މި ޒިޔާރަތުގައި ”ބޮޑު ބަދަލު“ އެޖެންޑާއާއި ފައްޔާޒް އިސްމާޢީލާއެކު އޮތް ރޭވުންތައް ޚުލާޞާކޮށްދެއްވިއެވެ. ދަތުރުފުޅު ކުރުވުމުން އެކަމަށް މަޢާފަށް އެދިވަޑައިގެން، މުސްތަޤްބަލުގައި ފުރިހަމަ ދަތުރުފުޅެއްގައި ވަޑައިގަންނަވާނެ ކަމަށް ވަޢުދުވެވަޑައިގަތެވެ. ރައީސް ނަޝީދު މާލެއަށް ފުރާވަޑައިގަތީ ހަވީރު 4:30 ގެ ފްލައިޓުންނެވެ.
މި ދަތުރުފުޅަކީ ތިލަދުންމަތީގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ”ބޮޑު ބަދަލު“ އިޞްލާޙީ އެޖެންޑާއަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ކާމިޔާބު ދަތުރުފުޅެކެވެ. އިޤްތިޞާދީ، އިޖުތިމާޢީ އަދި ހިންގުމުގެ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައި، ކުރިއަށް އޮތް ތަނުގައިވެސް ރަށްތަކުގެ ތަރައްޤީއަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

