ދިވެހިރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދެމުންދާ މާލީ އެހީތެރިކަމަށްޓަކައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެގައުމަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގެ އިގްތިސާދީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 23 އެޕްރީލް 2026 އަށް މުއްދަތު ހަމަވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏާ ގުޅޭގޮތުން އިންޑިއާއިން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެ ދުވަހު، އިންޑިއާއިން ވަނީ 30 ބިލިއަން އިންޑިއަން ރޫޕީޒްގެ އާ ފެސިލިޓީއެއް ރާއްޖެއަށް ދޫކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ކުރީގެ ދަރަނި އަދާކުރަން ޖެހުނު ދުވަހާ ދިމާކޮށް އިންޑިއާއިން މިވަނީ އާ ފަންޑިންގްއެއް ހަމަޖައްސައިދީފައެވެ. މިއީ އާންމުކޮށް ގައުމުތަކުން ”ސްވޮޕް ރޯލް އޯވަރ“ ކުރާ އުސޫލުން، ކުރީގެ ދަރަނީގެ ބަދަލުގައި އާ ދަރަންޏެއް ނެގުމުގެ އުސޫލުން ކުރިއަށް ގެންގޮސްފައިވާ ކަމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ހާލަތަށް އަލިއަޅުވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ހަރުދަނާ ޕްލޭނެއް އެކުލަވައިލަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ އާމްދަނީ 30 އިންސައްތަ ދަށްވެފައިވީ ނަމަވެސް، ސަރުކާރުގެ ޚަރަދުތައް ހުރީ އިންތިހާއަށް މަތީގައެވެ.
”މިއީ ނުހަނު ބޮޑު އިސްރާފެއް،“ ސަރުކާރުގެ ޚަރަދުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް ނަޝީދު މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި މިވަނީ ރާއްޖޭގެ ދަރަނީގެ މައްސަލައިގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ސަމާލުކަންވެސް ހުއްޓިފައިވާ ވަގުތެއްގައެވެ.

