އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރީކޮޅުގައި ހުރި ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާކަމާއި، އެ ބައްޔަށް ކާމިޔާބު ފަރުވާއެއް ހޯދާފައިވާކަން ހާމަކޮށްފިއެވެ.
ނަތަންޔާހޫގެ ހަށިގަނޑުން ކެންސަރު ފެނިފައިވަނީ އާންމުކޮށް ހަދާ މެޑިކަލް ޗެކަޕެއްގެ ތެރެއިންނެވެ.
އޮފިޝަލުން ހާމަކުރި ގޮތުގައި ބަލި ދެނެގަނެވުނީ ވަރަށް ކުރީކޮޅު، ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރުމުގެ ކުރިންނެވެ. މީގެ ސަބަބުން ވަގުތުން ފަރުވާ ފެށުމުގެ ފުރުސަތު ލިބި، ބަލިން މުޅިން ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެން ދިޔަކަން ފާހަގަކޮށްފައިވެއެވެ. މި ބައްޔަށް ފަރުވާ ކުރުމުގެ ގޮތުން ނަތަންޔާހޫއަށް ރޭޑިއޭޝަން ތެރަޕީ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ބުނާ ގޮތުގައި ފަރުވާ ވަނީ ކާމިޔާބުވެފައެވެ. އަދި މިހާރު ހެދި ޓެސްޓުތަކުން ކެންސަރުގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ލިބެއެވެ. ބޮޑުވަޒީރުގެ އޮފީހާ ގާތް ފަރާތްތަކުން ބުނާ ގޮތުގައި އޭނާގެ ހާލަތު މިހާރު ރަނގަޅެވެ. އަދި މިކަމުގެ ސަބަބުން އޭނާގެ ރަސްމީ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެއްވެސް ބުރޫއެއް ނާރާނެއެވެ.
ނަތަންޔާހޫގެ ބަލީގެ ޚަބަރު މީގެ ކުރިން ސިއްރުކޮށްފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައިގެން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި ބޮޑުވަޒީރުގެ ސިއްހީ ހާލަތު ހާމަކުރުން ލަސްކުރީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވެއެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ޕްރޮސްޓޭޓް ކެންސަރު ކުރީކޮޅު ދެނެގަނެވިއްޖެ ނަމަ، އެ ބަލިން މުޅިން ފަސޭހަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ނަތަންޔާހޫގެ އޮފީހުން ތަކުރާރުކޮށް ބުނަމުންދަނީ ”އޭނާގެ ސިއްހީ ހާލަތު މިހާރު ވަރަށް ރަނގަޅު“ ކަމަށާއި، ގައުމުގެ ކަންކަން ހިންގުމުގައި ދެމިހުންނާނެ ކަމަށެވެ.
މި ޚަބަރާ ގުޅިގެން ބައިނަލްއަގުވާމީ ސިޔާސީ މައިދާނުގައި އެކި ފަރާތްތަކުން ދަނީ ސަމާލުކަން ދެމުންނެވެ. ބޮޑުވަޒީރުގެ ސިއްހީ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ހުރި ނަމަ، ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

